twitterviber whatsapp telegramfacebookyoutube instagram
18th May 2024

ބަންގްލަދޭޝްއިން ރާއްޖެއަށް އަސްކަރީ 13 އުޅަނދު ހަދިޔާ ކުރަނީ

ނަބީލާ އިސްމާޢީލް
Dec 21, 2021
1

ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާ ކުރަން ނިންމައިފިއެވެ.

ބަންގްލަދޭޝްއިން މިކަން ހާމަކުރީ އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ މާދަމާ ރާއްޖެއަށް ފައްޓަވާ ދަތުރުފުޅާ ގުޅޭގޮތުން އެ ގައުުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޫމިން މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވާނީ މާދަމާއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގްލަދޭޝްއިން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާ ކުރުމަށް ނިންމައިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝައިހް ހަސީނާގެ މި ދަތުރުފުޅުގައި ތައުލީމާއި ސިއްހަތާއި ކުޅިވަރާއި އަދި ޒުވާނުންނާ ގުޅޭ ދާއިރާތަކުން ވެސް އެއްބަސްވުންތަކުގައި ސޮއި ކުރާނެ އެވެ.

މީގެ އިތުރުން ވެސް ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ. އެއީ ޓެކްސް ފައިސާއަށް މަކަރު ހެދުން ކުޑަކުރުމަށް އެހީވެދިނުމަށް ވެވޭ އެއްބަސްވުމަކާއި ދެ ގައުމުގެ ދެމެދުގައި ގައިދީން ބަދަލުކުރުމަށް ވެވޭ އެއްބަސްވުމަކާއި ސިއްހީ އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ރާއްޖެއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއިކުރާ އެއްބަސްވުމެއްގެ އިތުރުން ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީ ކުރުމަށް ވެވޭ އެއްބަސްވުމެކެވެ.

ހަމައެހެންމެ ބަންގްލަދޭޝުން ސިއްހީ ދާއިރާގެ މުވައްޒަފުން ރެކްރޫޓު ކުރުމަށް ވެފައިވާ އެއްބަސްވުން ވެސް އައު ކުރަން ވަނީ ހަމަޖެހިފައެވެ.

ބަންގްލަދޭޝްގެ ރިޕޯޓުތައް ބުނާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބާއްވަވާ ބައިލޭޓަރަލް ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަށްފަހު ދެ ބޭފުޅުން މީޑީއާއަށް މައުލޫމާތު ދެއްވަވާނެއެވެ.

މާދަމާ ރާއްޖެ ވަޑައިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކަމަނާ ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ބުރާސްފަތި ދުވަހުގެ މެންދުރު ފަހު އެކަމަނާ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރުކުރައްވަވާނެއެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާ އޮންލައިން ކޮށް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355