twitterviber whatsapp telegramfacebookyoutube instagram
27th March 2026

ކޮމަންޑޫ ބައި-އިލެކްޝަންގެ ވޯޓާސް ލިސްޓް ނެރެފި

Dec 22, 2021

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާނީ ޑިސެންބަރު 22 ވަނަ ދުވަހުން ފެށިގެން ޖެނުވަރީ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އީމެއިލް މެދުވެރިކޮށެވެ. އަދި ޝަކުވާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލުގެ އިދާރާތަކުން ލިބޭނެ ކަމަށްވެސް ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކުރި އިއުލާނުގައި ބުނެފައިވަނީ ފެބްރުއަރީ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުއާންމުކޮށްފައިވާ ކަމަށާ މި ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގެ އިތުރުން ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ކަމަށްވާ ށ.ކޮމަންޑޫ އާއި ފޯކައިދޫ އާއި މަރޮށިގެ ކައުންސިލުގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ނެގުން އޮންނާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 8 އިން ހަވީރު ހަތަރަކަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެ ދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10 ވާ ބުރާސްފަތި ދުވަހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355