އޯލެވެލް ފެންވަރުގެ ކިޔެވުން ނިންމާ ދިވެހި ކިޔަވާ ކުދިންނަށް ހާއްސަކުރެވިގެން ޔުނައިޓެޑް ވާރލްޑް ކޮލެޖް (ޔޫޑަބްލިއުސީ)ން ސްކޮލަރޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދަން ހަމަ ޖެހިއްޖެ އެވެ.
މި ޕްރޮގްރާމްގެ ދަށުން ގްރޭޑް 10 ނިންމައި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރަކަށް މަތީ ސާނަވީ ތައުލީމު ޔުނައިޓެޑް ވާރލްޑް ކޮލެޖެއްގައި ފުރިހަމަ ކުރުމަށް ފުރުސަތު ދެވޭނެ އެވެ. އަދި މިއަހަރު މި ފުރުސަތު ގްރޭޑް ދިހައެއްގައި ކިޔަވަމުންދާ ދަރިވަރުންނަށްވެސް ހުޅުވާލެވިފައިވެ އެވެ.
މިއަންނަ އަހަރުގެ (2022 - 2024) ސްކޮލަރޝިޕް ފުރުސަތު މިހާރު މިވަނީ ހުޅުވާލެވިފަ އެވެ. އަދި 29 ޖަނަވަރީ އާ ހަމައަށް
އެޕްލިކޭޝަން ބަލައިގަންނާނެ އެވެ.
ޔޫޑަބްލިއުސީ އަކީ 1962 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އަމާންކަމާއި އެއްބަޔަކު އަނެއްބަޔަކާ ސުލްހަވެރިކަމާއެކު ދިރިއުޅުމަށް ބާރުއެޅުމަށް ތަޢުލީމަކީ ބިންގަލެއް ކަމުގައި ދެކި މަތީ ސާނަވީ އުމުރުގެ ޒުވާނުންނަށް ހާއްސަ ކުރެވިގެން އުފެއްދި ސްކޫލް ނުވަތަ ކޮލެޖުތަކެކެވެ. މިއަދު ދުނިޔޭގެ އެކި ޤައުމުތަކުގައި ޖުމްލަ 18 ކޮލެޖް ހުރެ އެވެ.
ޔޫޑަބްލިއުސީގައި ދަރިވަރުން ފުރިހަމަ ކުރާނީ އިންޓަރނޭޝަނަލް ބެކަލޯރިއޭޓް (އައި.ބީ) ޑިޕްލޮމާ އެވެ. އައި.ބީ އަކީ އޭލެވެލްއާއި އެއްފެންވަރުގެ އަދި ދުނިޔޭގެ ހުރިހާ ޔުނިވަރސިޓީތަކެއްގައިވެސް ޤަބޫލުކުރާ ދިވެހިރާއްޖޭގެ ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ 2 އަހަރުގެ ކޯހެކެވެ.
ޔޫޑަބްލިއުސީ މޯލްޑިވްސް ނެޝަނަލް ކޮމިޓީން ކޮންމެ އަހަރަކުވެސް މި ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައި ޔޫޑަބްލިއުސީތަކަށް ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ފޮނުވުމަށް މަސައްކަތް ކުރަމެވެ. 2001 ވަނަ އަހަރުން ފެށިގެން ޖުމްލަ 60 އަށްވުރެން ގިނަ ދިވެހި ދަރިވަރުން ވަނީ ފުލް ސްކޮލަރޝިޕްގައި ޔޫޑަބްލިއުސީތަކުގައި ތައުލީމު ހާސިލްކޮށްފަ އެވެ.
ޔޫޑަބްލިއުސީގެ 2 އަހަރު ފުރިހަމަކުރުމަށްފަހު ހުރިހާ ދިވެހި ދަރިވަރުންނަށްވެސް ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން މަތީ ތައުލީމު ހާސިލްކުރުމަށް ސްކޮލަރޝިޕް ލިބިފައިވާކަން އުފަލާއެކު ޔޫޑަބްލިއުސީން ފާހަގަކުރެ އެވެ.
އަދި މިއީ ދިވެހި ސަޤާފަތާއި އާދަކާދަތައް ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ތަމްސީލުކުރުމަށް ލިބޭ ފުރުސަތެކެވެ. މިހާރު ޔޫޑަބްލިއުސީގައި ދިވެހި 6 ދަރިވަރުން ތައުލީމު ހާސިލް ކުރަމުން ގެންދެ އެވެ.
ސޮކޮލަރޝިޕް ފޯމް ޔޫޑަބްލިއުސީ މޯލްޑިވްސް ގެ ވެބްސައިޓް org.uwc.mv.www އިން ޑައުންލޯޑްކޮށްލެވޭނެ އެވެ. އަދި ސްކޮލަރޝިޕް
ފުރުސަތަށް ފޯމުހުށަހަޅާއިރު ފުރިހަމަ ވާންޖެހޭ ޝަރުތުތަކާއި އިތުރު މައުލޫމާތުވެސް މި ވެބްސައިޓްގައި ޝާއިރުކުރެވިފައިވާނެ އެވެ.