ބަންގްލަދޭޝާއި ރާއްޖެ ކަނޑުމަގުން ގުޅުވާލައި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމާ ގުޅޭގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއާ މަޝްވަރާކުރައްވައިފިއެވެ.
މިކަމަށް ޝައުގުވެރިކަން ނައިބް ރައީސް ފާޅުކުރައްވާފައިވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމް އެކަމަނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ މިއަދު މެންދުރުފަހު ހޮޓެލް ޖެންގައެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ހަރުދަނާ އެކުވެރިކަމުގެ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި މިއަދު ބަދަލުކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުވާލައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ނައިބު ވަނީ އެ މަނިކުފާނު މިދިޔަ ނޮވެމްބަރ މަހު ބަންގްލަދޭޝްއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރުން ބެހެއްޓެވި ހާއްސަ މެހުމާނުދާރީއަށްޓަކައި އެ ކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ގައުމު ބިނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހުނުކަން ހާމަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ހާލަތުގައި ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއަށް ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ، އެކަމަށްޓަކައި ވެސް އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ކޮވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި ވެކްސިން ފޯރުކޮށްދިނުމުގައި ދިވެހި ސަރުކާރުން ގެންގުޅޭ ހަމަހަމަ ސިޔާސަތުގެ މައުލޫމާތު އެ ކަމަނާއާ ހިއްސާކުރައްވާފައެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ ދިވެހި ސަރުކާރުން ވެކްސިން ފޯރުކޮށްދިނުމަށް ހިންގި "ކޮވިޑް-19 ދިފާޢު" ކެމްޕޭނުގެ އިތުރުން ޖުމްލަގޮތެއްގައި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކަށް ތައުރީފުކުރައްވާފައެވެ.
ނައިބުގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މީހުން ބިނާކުރުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވާކަމުގައި ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދެގައުމު ކަނޑުމަގުން ގުޅާލައި ވިޔަފާރީގެ މުއާމަލާތްތައް އިތުރުކުރުމަށާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ފުރުސަތުތައް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވާ، ސަރުކާރުން އެންމެހާ ފަރާތްތަކުގެ ހައްޤުތަކަށް އިހްތިރާމުކުރާނެ ކަމުގައި ނައިބު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން ބަދަހިކޮށް ވަރުގަދަކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ސިއްހީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ބަންގްލަދޭޝްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މި މޭރުމުން ދެ ބޭފުޅުން ވަނީ ރާއްޖެއަށް އެކި ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ބޭނުންވާ ސްކޮލަރޝިޕް ފުރުސަތުތައް ބޭނުންވާ ރޮނގުތަކުގެ މައްޗަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.