ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި 106 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.
އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.
ރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައިފައިވާ 2 ބޭފުޅަކު ހިމެނެ އެވެ. އެ ބޭފުޅުންނަކީ ހއ. އުލިގަމު މެޖިސްޓްރޭޓް (ރިޓަޔަރޑް) އިދުރީސް އާދަމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައި ހުންނެވި މާފަންނު މާހުރާ އަހުމަދު ސަލީމެވެ.
މި އިނާމަކީ މި އަހަރު މުޅިން އަލަށް ދޭ އިނާމެކެވެ. މިއީ ދައުލަތުގެ ކޮންމެ މަގާމެއްގައި ވަޒީފާ އަދާކުރެއްވި ނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުތު ހަމަވާ ނަމަ ދޭ އިނާމެކެވެ.
ގައުމީ ދެ ޖަލްސާއަކަށް ބަހާލައިގެން ދެވޭ މި އިނާމު ޖުމްލަ 223 ބޭފުޅަކަށް ވަނީ އަރުވާފައެވެ. މި އިނާމު ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވަނީ 117 ބޭފުޅަކަށް އަރުވާފައެވެ. އަދި ރޭގެ ޖަލްސާގައި 106 ފަރާތަކަަށް ވަނީ މި އިނާމު އަރުވާފައެވެ. ރޭގެ ޖަލްސާގައި އިނާމު ލިބުނު ފަރާތްތަކުގެ ތެރެއިން 26 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ.
ރޭ ބޭއްވެވި ޖަލްސާގައި، 2004 ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި މީހުންގެ ހަނދާނުގައި 1 މިނެޓުގެ ސުކޫތެއް ގެންނެވިއެވެ.