twitterviber whatsapp telegramfacebookyoutube instagram
18th May 2024

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނިއުޓްރިޝަން ލިބޭ ކާނާ ކެއުން މުހިންމު: މެޑަމް ފަޒްނާ

ނަބީލާ އިސްމާޢީލް
Dec 28, 2021

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނިއުޓްރިޝަން ލިބޭ ފަދަ އެކި ބާވަތްތަކުގެ ދުޅަހެޔޮ ކާނާ ކެޔުމުގެ މުހިންމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ މިހެން ވިދާޅުވީ މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން އިއްޔެ ފެށި 09 ވަނަ ނޭޝަނަލް ސިކްސަރސް ކޭމްޕް 2021 ގެ ތެރޭގައި ކުރިއަށް ގެންދާ ލިޓްލްމެއިޑްސްގެ އެޑްވޮކަސީ ހަރަކާތް ޝަރަފުވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ގާޒީ ސްކޫލުގައި ކުރިޔަށް ދިޔަ މި ހަރަކާތުގައި މެޑަމް ފަޒްނާ ވަނީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ނިއުޓްރިޝަން ލިބޭ ފަދަ އެކި ބާވަތްތަކުގެ ދުޅަހެޔޮ ކާނާ ކެޔުމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.

މިގޮތުން، އެކަމަނާ ވަނީ ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ނުވަތަ ނުކެއުމުގެ ސަބަބުން ދިމާވާ ސިއްހީ ކަންކަން ގުޅިފައިވަނީ، އަންހެނުންނާ ފުރާވަރަށް އަރާ އަންހެން ކުދިންގެ ނިއުޓްރިޝަންއާ ކަމަށް ތަޖްރިބާކާރުން ވިދާޅުވާކަމަށާއި، އާންމުކޮށް ރާއްޖެއިން ލިބެން ހުންނަ ތަކެތި ބޭނުން ކޮށްގެންވެސް ސިއްހަތަށް ފައިދާހުރި ކާނާ ކެވޭނެކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް އެ ކަމަނާ ވަނީ ތައުލީމާ އަމަލީ ތަޖުރިބާގެ ތެރެއިން ބޮޑެތިވަމުން އަންނަ އަންހެންކުދިންނަކީ ދުޅަހެޔޮ، ހަށިހެޔޮ ކުދިބަޔަކަށް ހެދުމަށް ގާރލް ޕަވަރޑް ނިއުޓްރިޝަން ބެޖްގެ މުގައްރަރުގެ ބޭނުންތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ގާރލް ޕަވަރޑް ނިއުޓްރިޝަންގެ މުގައްރަރަކީ ވޯރލްޑް އެސޯސިއޭޝަން ފޮރ ގާރލް ގައިޑްސް އެންޑް ގާރލް ސްކައުޓްސް (ވެގްސް) އަދި ނިއުޓްރިޝަން އިންޓަރނޭޝަނަލް ގުޅިގެން ތައްޔާރުކޮށްފައިވާ މުގައްރަރެކެވެ. މިހަރަކާތުގެ ތެރެއިން ކެއުމުގައި ރަނގަޅު ކާނާ ހިމެނުމާއި ހަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ދަސްކޮށްދިނުމަށް ކުދިންގެ އުމުރާ ގުޅޭގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައިކަމަށާއި "ސިކްސަރސް ޗެލެންޖް" ވެސް ބައިވެރިން ވަނީ ފުރިހަމަކޮށްފައެވެ. އެއީ ތަފާތު އެކި ހުނަރުތައް އަދި ދިރިއުޅުމުގެ އަމަލީ މައިދާނުގައި އިސްނަގައިގެން މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ އާދަ އަށަގެންނެވުމަށް މަގުފަހިކޮށްދޭނެ ގޮތައް ފަރުމާ ކުރެވިފައިވާ ހަރަކާތްތަކެކެވެ.

މިމަހުގެ 26 ން 28 އަށް ހުޅުމާލޭ ގާޒީ ސްކޫލުގައި ކުރިޔަށް ގެންދާ މި ކޭމްޕަކީ ރާއްޖޭގެ ލިޓްލްމެއިޑް ހަރަކާތް ހިންގާ ހުރިހާ ސްކޫލްތަކުގެ އުމުރުން 10 ން 11 އަހަރާއި ދެމެދުގެ 308 ލިޓްލްމެއިޑުން އަދި 75 ގައިޑަރސް އޮފިޝަލުންގެ ގޮތުގައި ބައިވެރިވާ ކޭމްޕެކެވެ. ރާއްޖޭގެ 13 އަތޮޅަކުން 42 ސްކޫލުން ބައިވެރިވެފައިވާ މި ކޭމްޕުގެ މި އަހަރުގެ ޝިއާރަކީ "ގާރލް ޕަވަރޑް ނިއުޓްރިޝަން" އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355