އޭވިއޭޝަން ދާއިރާއަށް ދިވެހި ޒުވާނުން ބިނާކުރުމުގެ ބޭނުމުގައި މަންޓާ އެއާ އިން ފެށި "މަންޓާ ވިންގްސް" އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރަތަމަ 10 ބައިވެރިންނާއެކު އިފްތިތާހުކޮށްފި އެވެ.
މި ޕްރޮގްރާމް ލޯންޗްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއާއި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގެ އެކިއެކި ދާއިރާތަކަށް މީހުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއާއި އޭވިއޭޝަން ދާއިރާ އަދި ސިއްހީ ދާއިރާގައި މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ އޭވިއޭޝަން ދާއިރާ ރާއްޖޭގައި ފުޅާވެގެންދިއުމަކީ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށްވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެކަމެއްކަމަށެވެ. އަދި މިއީ ފުރުސަތުތައް ގިނަ ދާއިރާއެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އޭވިއޭޝަން ދާއިރާ ފުޅާވެގެން ދިއުމާއެކު ވަރަށްބޮޑަށް ފަސޭހަވެ ވިޔަފާރި ޚާއްސަކޮށް އިކޮނޮމީ ކުރިއެރުވުމަށްވެސް އޭގެ ސަބަބުން ވަރަށް ފުޅާ ފުރުސަތުތަކެއް ލިބިގެންދިޔަތަން. މީގެތެރޭގައ ޚާއްސަކޮށް ސީޕްލޭން އޮޕަރޭޝަންގައި ދިވެހިރާއްޖެ މިވަނީ މުޅި ދުނިޔެއަށްވެސް ނަމޫނާ ދައްކަވާފައި. އަޅުގަނޑުމެންނަށް މިއަދު މަންޓާއެއަރ 3 އަހަރު ގުނަމުންދާއިރު މިފެންނަނީ ކުރިއެރުންތަކުގެ ތެރެއިން ޚާއްސަކޮށް ސީޕްލޭން އޮޕަރޭޝަން ފުޅާވެ އެކަންތައްތައްވެސް ކުރިއަށްދާތަން." ނައިބު ރައީސް ވިދާޅުވިއެވެ.
މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ، މިއީ އޭވިއޭޝަން ދާއިރާއަށް ގާބިލް ޒުވާނުން ނެރުމަށް އެ ކުންފުނިން ފަށާވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. ދިވެހިން މި ދާއިރާއަށް ނެރުމަކީ އެކުންފުނިން ބޮޑު އިސްކަމެއްދޭ ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މަންޓާގައި މަސައްކަތްކުރާ %75 މުވައްޒަފުންނަކީ ދިވެހިންކަމަށެވެ.
މި ހަފްލާގައި ވަނީ މަންޓާ ވިންގްސް އެންރޯލްމަންޓް ސެޓްފިކެޓް ބައިވެރިންނަށް ހަވާލުކޮށްފައެވެ. ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 6 މަސްދުވަހުގެ މުއްދަތަކަށެވެ. އަމަލީ މަސައްކަތުގައި ބައިވެރިވެ ތަޖްރިބާ ހޯދުމުގެ އިތުރުން މި ބައިވެރިންނަށް ބޭނުންވާ ފަންނީ ތަމްރީން ދިނުމަށް އެކިއެކި ޓްރެއިނިންވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މަންޓާ އެއާއިން ބުނެއެވެ.