twitterviber whatsapp telegramfacebookyoutube instagram
26th April 2024

އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕް ކުޅުދުއްފުށީގައި އިފްތިތާހުކޮށްފި

މި ފެށޭ އަހަރުގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓްރީން އެންމެ އިސްކަމެއްދީގެން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ މި ސިޓީގެ ކުނީގެ މައްސަލަ ހައްލު ކުރުން

ނަބީލާ އިސްމާޢީލް
Dec 30, 2021

ކުޅުދުއްފުށީ ސިޓީގައި މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕް އިފްތިތާހުކޮށްފި އެވެ.

މިއަދު މެންދުރު ފަހު ކުޅުދުއްފުށީގައި އޮތް ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޯސްޓްގެ އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕް އިފްތިތާހްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމު އުފެދި އަށަގަންނަމުން އަންނަ އިރު މި ފަދަ އޮންލައިން ޝޮޕެއްގެ ހިދުމަތެއް ކުޅުދުއްފުށީގައި ފެށިގެން ދިއުމަކީ ވަރަށް މުހިއްމު ހިދުމަތެއް ކަމަށެވެ. ރަށު ފެންވަރުގެ އުފެއްދުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޮންލައިންކޮށް ވިއްކުމަށް ބޭނުންވާ އުފެއްދުންތެރިންނަށް އަމާޒުކޮށް މޯލްޑިވްސް ޕޯސްޓުން މިފަދަ މުހިންމު ހިދުމަތެއް މިފަދަ ދަނޑިވަލެއްގައި ރައްޔިތުންނާ ހަމައަށް ގެނެސްދިން ކަމަށްޓަކައި ޕޯޓަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފަ އެވެ.

އުފެއްދުންތެރިންގެ އުފެއްދުންތައް އިސްތިހާރު ކުރެވޭނެ ގޮތެއް ނުވަތަ މާކެޓް ކުރެވޭނެ ގޮތެއް ނެތިފަ ނޫނީ އަމިއްލަ ވެބްސައިޓެއް ނުހެދިފަ ތިބި އުފެއްދުންތެރިންނަށް އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕްގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވީ އެގިތުން ގޭގައި ތިބެގެން މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ އެންމެ ބޮޑު ދަތި ނެތިގެން ދާނެ ކަމަށެވެ. އަދި މިއީ މުދާ ވިއްކާ ފަރާތާ ގަންނަ ފަރާތާ ދެމެދު އެޅޭ ޑައިރެކްޓް ލިންކެއް ގޮތުގައި ސިފަ ކުރައްވަމުން ވިދާޅުވީ ލާމަރުކަޒީ ނިޒާމާއި ގެސްޓް ހައުސް ޓޫރިޒަމް އާއި ތައާރަފް ވެގެން އަންނަ އިރު މިއީ ވަރަށް މުހިންމު ހިދުމަތެއް ކަމުގަ އެވެ.

"އެހެން ކަމުން ހަގީގަތުގައި މިއީ އޮންލައިން ބާޒާރެއްގެ ގޮތުގައި އަޅުގަނޑަށް ސިފަ ކުރެވެނީ. މި ފަދަ ބޮޑު ފުރުސަތެއްކަންވެސް ދެކެން" މިނިސްޓަރު ޝައުނާ ވިދާޅުވި އެވެ.

މި ޕްލެޓް ފޯމުން ތަކެތި ޑެލިވަރީ ކުރުމުގެ ގާބިލްކަން ލިބިގެންދާކަން ފާހަގަ ކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ ކާމިޔާބު މި ފަދަ ކޮންމެ ޕްލެޓް ފޯމެއްގައި ހިމެނޭ އަސާސީ ހުރިހާ ސިފަތައް މި ޕްލެޓްފޯމުގައިވެސް ހިމެނޭ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ކުދި އަދި މެދު ފަންތިއަށް ލިބުނު ގެއްލުތައް ކުޑަކުރުމަށާއި މި ހާލަތުން އަރައިގަތުމަށާއި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި މި ހާލަތުގައިވެސް އާ ވިޔަފާރިތަކެއް އިތުރު ވެގެން އަންނަތަން ފެންނަ ކަމަށެވެ. ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތައް އެއްދުވަހުން އަނެއް ދުވަހައް އިތުރުވާކަމަށްވެސް ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން އެ ވިޔަފާރިތައް ކުރިއަރުވާ އަމިއްލަ ފައިމައްޗަށް ތެދުވެވޭފަދަ ފުރުސަތުތައް ހޯދައިދިނުމަށް ރާއްޖޭގެ އިގްތިސޯދީ ތަރައްގީގެ މުހިންމު ސިޔާސަތެއް ކަމަށާއި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީގެ އެހީގައި ދެވެންހުރި ފުރުސަތުތައް އެފަދަ ފަރާތްތަކަށް ތަނަވަސްކޮށްދިނުމާއި އެޑިއުކޭޓް ކޮށްދިނުމަކީ ޕޮލިސީ ލެވެލްގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

އެހެން ކަމުން މިއަދު ތައާރަފްކުރި މި ހިދުމަތް ވެގެންދާނީ ޕޮލިސީ ލެވެލްގައި ސަރުކާރުން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ކުޅުދުއްފުއްޓަށް ދިމާވެފައިވާ ހައްލު ކުރަންޖެހޭ އެންމެ މުހިންމު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި މި ފެށޭ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އެންމެ އިސްކަމެއްދީގެން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ މި ސިޓީގެ ކުނީގެ މައްސަލަ ހައްލު ކުރުން ކަމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355