twitterviber whatsapp telegramfacebookyoutube instagram
23rd June 2026

ފަސް މިލިއަން ގަސް ޕްރޮގްރާމަށް 10 ރަށެއްގައި ނާސަރީ އަޅަނީ

ނަބީލާ އިސްމާޢީލް
Jun 23, 2026

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް އިންދުމަށް ނާސަރީ އަޅަން 10 ރަށަކަށް ގްރާންޓް ދީފިއެވެ.

އެންވަޔަރަންމެޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނާސަރީ އެޅުމަށްޓަކައި ގްރާންޓް ދީފައިވާ ރަށްތަކުގެ ކައުންސިލްތަކާއިއެކު ވަނީ ސޮއިކޮށްފައެވެ.

މި މަޝްރޫއުގެ ފުރަތަމަ ބުރުގައި ހިމެނޭ 10 ރަށަކީ، ހއ. ކެލާ، ށ. މިލަންދޫ، ނ. ކެނދިކުޅުދޫ، ރ، އިންނަމާދޫ، ބ. މާޅޮސް، އއ. މަތިވެރި، މ. މުލައް، ތ. ކިނބިދޫ، ގއ. ދާންދޫގެ އިތުރުން ތިނަދޫ ސިޓީއެވެ.

މި އެއްބަސްވުމުގެ ދަށުން ނާސަރީ ތަރައްގީ ކުރުމަށް ކޮންމެ ރަށަކަށް 500,000 ރުފިޔާގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސޮއިކުރާ ތާރީހުން ފެށިގެން 7 މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތްތައް ނިންމަންޖެހެއެވެ. މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު މަރުކަޒުތަކެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ތަންތަނެވެ.

އެންވާރަމަންޓް މިނިސްޓްރީން ބުނީ، އަންދާޒާކުރެވޭ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެ ކަމަށެވެ.

މީގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މި މަޝްރޫއު އިތުރަށް ހަރުދަނާކުރުމަށްޓަކައި ނާސަރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ގާޑަނިންގ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355