ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނީ އިޖްތިމާއީ މައްސަލަ ހައްލުކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ނ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެކަން ހުއްޓުވަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ރެކޯޑް އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި އެކަމާ މެދު ބަޔަކު ކަންބޮޑުވިޔަސް، އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހާނެ ސަރުކާރެއް ކަމަށާއި، މަޝްރޫއުތައް ކުރިޔަށް ގެންދިޔުމާއި ގޮތް ނިންމުމުގައި ރައްޔިތުންގެ ވިސްނުމަށް ސަރުކާރުން ރިއާއަތްކުރާނެ ކަމުގަ އެވެ.
ރައީސް ވިދާޅުވީ ލަންދޫ ބަނދަރު މަޝްރޫއަކީ ލަންދޫ ރައްޔިތުން އެ މަނިކުފާނުގެ އަރިހުގައި ދެންނެވި ގޮތަށް ކުރިޔަށް ގެންދެވުނު މަޝްރޫއަކަށް ވުމަކީ އިތުރު ހިތް ހަމަޖެހުމެއް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔަ ނަމަވެސް ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނީ އީޖްތިމާއީ މައްސަލަ ހައްލުކުރެވިގެން ކަމުގައި ވިދާޅުވިއެވެ. މި ގޮތުން ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާގެ މައްސަލަ ހައްލުކުރުމަށް ނޭޝަނަލް ޓާސްކް ފޯސްއެއް ގާއިމްކޮށްފައިވާ ކަމަށާއި، އެ ޓާސްކް ފޯސްގެ މަސައްކަތުގެ ނަތީޖާ މި އަހަރުގެ މެދުތެރޭގައި ފެންނާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ބޭރުގެ އެހީތެރިކަން ހޯދާނެކަމަށާއި ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓާނެ ކަމުގައި ވިދާޅުވިއެވެ.
ނ. ލަންދޫގައި އިފްތިތާހްކުރި ބަނދަރަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްގެން ސަރުކާރުން ކުރިޔަށް ގެންދެވި މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އެތެރެތޮއްޓާއި ބޭރުތޮށިލުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫގައި އަލަށް ޤާއިމުކުރި 500 މީހުންގެ ޖާގައިގެ މިސްކިތް ވެސް ހުޅުއްވައިދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ލަންދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.