twitterviber whatsapp telegramfacebookyoutube instagram
1st May 2024

ޗެމްޕިއަން ޓީމަށް 20 ހާސް، ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް އަންނަ މަހު ފަށަނީ

މުޙައްމަދު އަހުމަދު
Jan 8, 2022

ޒިގްޒެގު ފޯ ޔޫތް ލިންކޭޖުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރިގަދަ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް 2022 އަންނަ ފެބްރުއަރީ 1 ގައި ފެށުމަށް ޒިގްޒެގުން ތައްޔާރުވެއްޖެ އެވެ.

މިއީ ޒިގްޒެގުން ބާއްވާ މީގެ 8 ވަނަ މުބާރާތެވެ. އެންމެފަހުން 2019 ވަނަ އަހަރު މިމުބާރާތް ބޭއްވުމަށްފަހު ކޮވިޑާހެދި މުބާރާތް ނުބޭއްވި އަހަރެއްހާ ދުވަހު މެދުކެނޑިފައި އޮތުމަށްފަހު ޒިގްޒެގުން މިހާރު މިވަނީ މިއަހަރުގެ ފެބްރުއަރީ 1 ގައި މުބާރާތް ފެށުމަށް ތައްޔާރުވެފަ އެވެ. 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކޭޕީއެލް ބަލިކޮށް ދިރާގެވެ.

ފުރަތަމަ މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރު އެވެ. އެހެންނަމަވެސް މިމުބާރާތަކީ ކުލަބް މޯލްޑިވްސް ކަޕުގައި ކުޅޭ ނަން މަޝްހޫރު ގިނަ ފުޓްސަލް ކުޅުންތެރިން ބައިވެރިވާ މުބާރާތެއްކަމުން ކުލަބް މޯލްޑިވްސް ކަޕާ ކުލޭޝް ވިޔަނުދިނުމަށް ޒިގްޒެގުން އެފަހަރު މުބާރާތް ފަސްކުރީ އެވެ. ޒިގްޒެގް މުބާރާތަކީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު ކުޅުންތެރިން ބައިވެރިވާ ފޯރިގަދަ މުބާރާތެކެވެ.

މިއަހަރު މިމުބާރާތް ބޭއްވުމަށް ތައްޔާރުވެފައިވާއިރު ޒިގްޒެގުން ހާމަކުރާ ގޮތުގައި މިމުބާރާތަކީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއިއެކު ފުޓުސަލްއަށް ޝައުގުވެރި ކުރުވުމެވެ. އަދި މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދިނުމާއި ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަކީ މިމުބާރާތުގެ މަގްސަދުކަމަށް ޒިގްޒެގުން ހާމަކުރެ އެވެ.

މި މުބާރާތް ކުޅެވޭނީ "ފީފާ ފުޓުސަލް ލޯސް އޮފް ދަ ގޭމް 2021 / 2022" އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ކުޅުދުއްފުށީގައި ޤާއިމުވެފައިވާ ސަރުކާރު އޮފީސްތައް އަދި ކުންފުނިތަކަށްކަމަށްވާއިރު ކުންފުނިތަކަށް ބައިވެރިވެވޭނީ "ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް މުބާރާތުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވެވޭ އުސޫލް"ގެ މަތިންނެވެ.

ކޮންމެ އޮފީހަކުން 1 ޓީމު ބައިވެރިކުރެވޭއިރު އޮފީހުން ބޭރު އެއް ކުޅުންތެރިއެއް ކޮންމެ ޓީމެއްގައި ވެސް ހިމެނޭނެ އެވެ. އަންނަ މަހު 1 ގައި މުބާރާތް ފަށާއިރު މާދަމާ (9 ޖެނުއަރީ)ގެ ނިޔަލަށް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. އަދި މުބާރާތަށް ސްޕޮންސާ ކުރުމުގެ ފުރުސަތު ވެސް އޮތްކަމަށް ޒިގްޒެގުން ބުނެ އެވެ.

މިމުބާރާތަކީ ކުޅުދުއްފުށީގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާއިރު މިމުބާރާތަށް ބޮޑު ހޭދައެއްކޮށް ދުރާލާ ޓީމުތަކުން ތައްޔާރުވާކަން ޒިގްޒެގުން ބުނެ އެވެ.

މިމުބާރާތުގައި ޗެމްޕިއަން ޓީމާ ރަނަރަޕް އަދި ފެއާރ ޕްލޭ ޓީމާއި ކިންގް އޮފް ދަ ޓޯނަމެންޓްގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗާއި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު 5 ކުޅުންތެރިން ހޮވުމަށް ހަމަޖެހިފައިވެ އެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ހަމަޖެހިފައިވެ އެވެ.

މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355