twitterviber whatsapp telegramfacebookyoutube instagram
20th April 2024

މިމަހު އާންމުންނަށް ބޫސްޓަރ ޑޯޒް ޖަހަން ފަށަނީ

ނަބީލާ އިސްމާޢީލް
Jan 11, 2022

ކޮވިޑް-19 އިން ދިފާއުވާ ވެކްސިނުގެ ބޫސްޓާ ޑޯޒް ޖަހަން ބޭނުންވާ ވެކްސިން މިހާރު ލިބިފައިވާ ކަމަށާއި މިމަހުގެ މެދެއްހާ ތަނުގައި އާންމުންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހް އަބްދުﷲ މާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު ވިދާޅުވީ ބޫސްޓާ ޑޯޒް ޖަހަން ބޭނުންވާ އެއްލައްކަ ޑޯޒްގެ ވެކްސިން މިހާރު ލިބިފައިވާ ކަމަށާއި އެކަމަށް ބޭނުންވާ އެހެން ތަކެތި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަަމަށެވެ.

"އެހެންވީމާ ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕޭނެއް ފުދޭވަރަކަށް ފާސްޓްކޮށް މިމަހު މެދެއްހާތާ އަޅުގަނޑުމެން ކުުރިއަށް ގެންދާނަން،" ޝާހު ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންގެ ކޮވެކްސް ފެސިލިޓީގެ ދަށުން، ރާއްޖެއަށް ފައިޒާ ވެކްސިންގެ 100،000ޑޯޒް ވެކްސިން ވަނީ ހަދިޔާކޮށްފައެވެ. މި ވެކްސިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ވެކްސިންގެ 3ވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް، ޢާއްމުކޮށް ހުޅުވާލައިގެން ދިނުމަށެވެ.

އާއްމުކޮށް ހުޅުވާލައިގެން ބޫސްޓަރ ޑޯޒް ދޭން ފެށިފައި ނުވަނީ، އެކަމަށް ބޭނުންވާ ސިރިންޖާ އެހެނިހެން ވަސީލަތްތައް ނެތުމުގެ ސަބަބުންކަމަށް އެޗްޕީއޭއިން މީގެކުރިން ވިދާޅުވެފައިވެއެވެ. ވެކްސިން ދިނުމަށް ބޭނުންވާ ސިރިންޖާއި އެހެނިހެން ސާމާނުގެ ދަތިކަން ދުނިޔޭގެ ގިނަ ޤައުމުތަކަކަށްވަނީ ކުރިމަތިވެފައެވެ.

މިނިސްޓަރ ޝާހް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކޮވިޑްގެ ވެކްސިން ޖަހާ އުމުރުގެ މީހުންގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެ ވެކްސިނުގެ ދެ ޑޯޒް ޖަހައިފަ އެވެ. އެެހެން ނަމަވެސް ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު އަދި މަދެވެ. ކޮވިޑުން ދިފާއުވާ ވެކްސިނުގެ ބޫސްޓާ ޑޯޒް އަދި ޖަހައިދެމުން އަންނަނީ ހައި ރިސްކް ކެޓަގަރީތަކުގެ މީހުންނަށް އެކަންޏެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ކޮވިޑްގެ ސާޖެއް މިހާރު އައިސްފައިވާ ކަމަށާއި ކޭސްތަކުގެ އަދަދު އެންމެ މައްޗަށް ދާނެ ކަަމަށް ބެލެވެނީ މިމަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު ކަމަށެވެ.

ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ހުރީ 300 އިން މަތީގަ އެވެ. އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ހުރީ 3،000 އަށް ވުރެ މަތީގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355