twitterviber whatsapp telegramfacebookyoutube instagram
28th March 2024

އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ނުފެނިއްޖެނަމަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ: ކުޅުދުއްފުށީ މޭޔަރު

ކައުންސިލްގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ނުފެނިއްޖެނަމަ ކުރިއަށް އޮތް އަހަރުތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި އެހެންވެ އާމްދަނީ އިތުރުކުރުމަށް މިއަހަރުގެ ބަޖެޓްގައި ހާއްސަ އިސްކަމެއްދީފައިވޭ

އަބްދުލް ވާހިދު ޙަސަން
Jan 13, 2022
4

ކައުންސިލްގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ނުފެނިއްޖެނަމަ ކުރިއަށް އޮތް އަހަރުތަކުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށާއި އެހެންވެ އާމްދަނީ އިތުރުކުރުމަށް މިއަހަރުގެ ބަޖެޓްގައި ހާއްސަ އިސްކަމެއްދީފައިވާނެކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުން އެކުލަވާލި ފުރަތަމަ ބަޖެޓް ފާސްކުރުމަށް ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ފަސް އަހަރުގެ ތަރައްގީގެ ޕްލޭނެއް ހަދައި އެ ތަންފީޒުކުރުމަށް ނުކުންނައިރު މިއަހަރު ބަޖެޓްކޮށްފައި ހުރި ގިނަ ކަންތައްތައް ހާސިލުކުރުމާ ދިމާއަށް ބަޖެޓް ބައްޓަންކުރެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް ކުރިއަށް ހުރި އަހަރުތަކުގައި އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ނުފެނިއްޖެނަމަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް މޭޔަރު ވިދާޅުވި އެވެ.

މިއަހަރު ސިޓީ ކައުންސިލުން ފާސްކުރީ 70 މިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް ބަޖެޓް ބޮޑުވީ މިދިޔަ އަހަރުތަކުން ބާކީވި ބަޔާއި އާމްދަނީގެ ގޮތުގައި ހުރި 34 މިލިއަން ރުފިޔާގެ ސަބަބުންނެވެ. ދައުލަތުން ދޭ 31 މިލިއަން ރުފިޔާ މައިގަނޑު ގޮތެއްގައި ހަރަދުވާނީ ރިކަރަންޓް ހަރަދަށާއި ކެޕިޓަލް ހަރަދުތަކަށެވެ. އެގޮތުން ރިކަރަންޓް ހަރަދުގެ ގޮތުގައި 21.6 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު ކެޕިޓަލް ހަރަދަށް 9.4 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ބައްދަލުވުމުގައި ބަހުސްކުރެއްވި ހުރިހާ މެމްބަރުންވެސް ފާހަގަކުރެއްވިގޮތުގައި 70 މިލިއަން ރުފިޔާގެ ބަޖެޓެއް ކުރަން ފުރުސަތު ލިބުނީ ކުރީ އަހަރުތަކުން ބާކީވަމުން އައިސް ހުރި 34 މިލިއަންގެ ސަބަބުން ކަމަށެވެ. އެހެންވުމުން އާމްދަނީ އިތުރުކުރުމަށް މިއަހަރު ގިނަ ކަންތައްތައްކުރަން ޖެހޭ ކަމަށް މެމްބަރުންވެސް ފާހަގަކުރެއްވި އެވެ.

ސަރުކާރުން ދޭ ބްލޮކް ގުރާންޓް މައިގަނޑުކޮށް ހަރަދުވެގެންދަނީ ރިކަރަންޓް ހަރަދަށާއި ކެޕިޓަލް ހަރަދަށް އެހެންކަމުން ރައްޔިތުންނާ ގުޅުން ހުރި ތަރައްގީގެ ޕްރޮޖެކްޓްތަކާ އެ ނޫންވެސް ހިދުމަތްތައް ތަރައްގީކުރުމަށްޓަކާ އާމްދަނީ އިތުރުވާނެ ގޮތްތަކެއް ހޯދުން މުހިންމުކަމަށް މޭޔަރު ވިދާޅުވި އެވެ.

މިހާރު ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބެނީ އަހަރަކު ތިން މިލިއަން ރުފިޔާ އެވެ. އެއީ ވަރަށް ކުޑަ އަދަދެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ އެ އަދަދު ބޮޑުވާ ގޮތަށް ކަންކަން ބައްޓަންކޮށް އާމްދަނީ އިތުރުކުރުމަށް މިއަހަރު ކުންފުންޏެއް ހެދުމަށް ނިންމާ ބަޖެޓްކޮށްފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރީގެ ހަރަކާތްތައް އިތުރުކުރުމަށް އުފައްދާ މި ކުންފުންޏަށް އިންވެސްޓްކުރުމަށް ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލުން ކުރިއަށްގެންދާ ތަރައްގީގެ ޕްރޮޖެކްޓްތައްވެސް ބޮޑަށް ބައްޓަންކޮށްފައިވާނީ އެތަންތަނުން އާމްދަނީ ލިބޭނެ ގޮތްތަކަށް ވިސްނާފަ ކަމަށެވެ. އެގޮތުން ހިނަވާގެ ފަދަ ތަންތަން ތަރައްގީވެގެންދާއިރުވެސް އެތަންތަނުންވެސް އާމުދަނީ ލިބޭނެ ކޮންމެވެސް ގޮތްތަކެއްވެސް ހިމެނިފައިވާކަމަށް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ޕާރކްތަކާއި ބީޗްތައް ތަރައްގީކުރުމަށް ބަޖެޓްކޮށްފައިވާއިރު އެތަންތަން ތަރައްގީވެގެންދާއިރު އެ ސަރަހައްދުތަކުން ރަނގަޅު އަގެއްގައި ވިޔަފާރި ބިން ދޫކުރެވޭނެ ކަމަށެވެ. ހަމައެގޮތަށް ސްޓޭޖް ސަރަހައްދާއި ދަތުރުހިޔާ ސަރަހައްދުވެސް ތަރައްގީކުރަން ހުޅުވާލާފައިވާއިރު އެ ތަންތަން ތަރައްގީވެގެންދާއިރު އެ ސަރަހައްދަކީވެސް ވިޔަފާރީގެ ގޮތުން ބިމުގެ އަގު ބޮޑުވެގެންދާނެ ސަރަހައްދެކެވެ.

އެ ސަރަހައްދުތައް ތަރައްގީވެގެންދާއިރު އެތަނުގައިވެސް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި މީގެ އިތުރުން ހޮނިހިރު ބާޒާރު ސަރަހައްދުވެސް ތަރައްގީކުރުމަށް ނިންމާފައިވާއިރު އެތަނަކީވެސް އާމްދަނީ އިތުރުކުރެވިދާނެ ތަނެއްކަން ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355