twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެމްއެންޔޫގެ ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުސަތު މި ހަފުތާގެ ނިޔަލަށް!

Jan 25, 2022

އެމްއެންޔޫގެ މިއަހަރުގެ ފުރަތަމަ ޓާރމުގެ ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުސަތު މި ޖަނަވަރީމަހު 27 ވަނަ ދުވަހު ހަމަވާނެއެވެ.

މި އަހަރުގެ ފުރަތަމަ ޓާމުގައި ކުޅުދުއްފުށީ ކެމްޕަހުގައި، ޔުނިވަރސިޓީގެ ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަރޑީޒްގެ އިތުރުން ނުވަ ފެކަލްޓީއަކުން ތިރީސްނުވަ ކޯހެއްގައި ކިޔެވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެއީ، ސެޓްފިކެޓް ތިނަކުން ފެށިގެން މާސްޓަރޒް ލެވެލްގެ ކޯސްތަކެވެ. ފުލްޓައިމްކޮށާއި ބްލެންޑެޑް މޯޑްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބެޗިލާޒް ޑިގްރީ ކޯސްތަކުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ހިލޭ ކިޔެވުމުގެ ފުރުސަތުލިބެއެވެ.

އެމްއެންޔޫއަކީ ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީގެ އިތުރުން އެންމެ ގިނަ ދަރިވަރުން ކިޔަވާ އަދި ވަސީލަތުގެ ގޮތުންވެސް އެންމެ ފުރިހަމަ ޔުނިވަރސިޓީއެވެ. މާލޭގެ އިތުރުން ކުޅުދުއްފުއްޓާއި، ލ. ގަމާއި ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ޔުނިވަރސިޓީގެ ކެމްޕަސްތައްހުރެއެވެ. މީގެ އިތުރުން އެހެން ބައެއް އަތޮޅުތަކުގައި ޔުނިވަރސިޓީގެ އައުޓްރީޗް ސެންޓަރުތައް ގާއިމްކޮށްފައިވެއެވެ.

ޔުނިވަރސިޓީގެ ކޯސްތަކަށް އޮންލައިންކޮށް އެޕްލައިކުރެވޭނެއެވެ. ކުޅުދުއްފުށީ ކެމްޕަސްގެ ކޯސްތަކާއިބެހޭގޮތުން އިތުރުމައުލޫމާތު، ކެމްޕަސްގެ 3345227 ނުވަތަ 3345228 ނަންބަރު ފޯނުން ސާފުކުރެއްވޭނެއެވެ.

އޯލެވެލް، އެސްއެސްސީ ތިން ފާސް އެބަ އޮތްތަ؟

ޖަވާބަކީ އާއެކޭ ނަމަ، މި އޮތީ އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަސްގައި މި އަހަރުގެ ފުރަތަމަ ޓާމުގައި އޮފާކުރާ ކޯސްލިސްޓުން އަހަރެމެން ހޮވާލާ ހަ ކޯހެވެ. މި އަހަރުގެ ފުރަތަމަ ޓާމުގައި އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ އެގާރަ ކޯހެއް ކެމްޕަސްގެ ކޯސްލިސްޓުގައި އެބައޮތެވެ. އެޑްވާންސްޑް ސެޓްފިކެޓް ކޯހެއް ނިންމުމަށްފަހު އެދާއިރާއިން ސީދާ ޑިޕްލޮމާއަށް ނުވަތަ ބެޗިލަރޒް ޑިގްރީއަށް ކިޔަވަން ފެށޭނެއެވެ.
މި ލިޔުމުގައި މިފަހަރު ހިމަނާލާ ކޯސްތައް އެމްއެންޔޫއިން އޮފަރކޮށްފައިވަނީ ފުލްޓައިމްކޮށާއި ބްލެންޑެޑް މޯޑްގައި ކިޔަވާ ގޮތަށެވެ. އޮންލައިކޮށް އެޕްލައިކުރެވޭ މި ކޯސްތަކަށް އެޕްލައިކުރުމުގެ ސުންގަޑިއަކީ ޖަނަވަރީ 27 ވަނަ ދުވަހުގެ ދޭއްޖަހާއިރެވެ!

އެޑްވާސްޑް ސެޓްފިކެޓް އިން އެޑިޔުކޭޝަން

ބްލެންޑެޑް މޯޑްގައި ކިޔަވާގޮތަށް ފުރުސަތުހުޅުވާލާފައިވާ މި ކޯހަށް އޯލެވެލް އަދި އެސްއެސްސީ ތިން ފާސް އޮވެއްޖެނަމަ އެންޓްރީކުރައިޓީރިއާ ހަމަވީއެވެ. ކޯސް ފުރިހަމަކުރުމުން ޓީޗިންގް އާއި އެޑިޔުކޭޝަންގެ ތަފާތު ރޮނގުނތަކުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވޭނެއެވެ. މި ކޯސް ޑިޒައިންކޮށްފައިވަނީ، ދަރިވަރުގެ ސަބްޖެކްޓް ސްޕެޝަލައިޒޭޝަނަށް ބޭނުންވާ އިލްމާއި ގާބިލްކަން އިތުރުވާގޮތަށެވެ. ހުނަރުވެރި ޓީޗަރަކަށް ވުމުގެ ފުރަތަމަ ފިޔަވަޅަށް މިކޯސް ހެދިދާނެއެވެ.

އެޑްވާންސްޑް ސެޓްފިކެޓް އިން އެންޖީން ރިޕެއަރ އެންޑް މެއިންޓެނަންސް

ވަރަށްދިގު ތާރީޚެއް އޮތް މި ކޯހަކީ ކުޅުދުއްފުށީ ކެމްޕަސްގައި ހިންގާ އެންމެ ގިނަދުވަސްވީ ކޯހެވެ. އަދި މި ކޯސް އޮފަރކުރަނީވެސް ކުޅުދުއްފުށީ ކެމްޕަސްގައި އެކަންޏެވެ! މި ފެންވަރުގެ ގިނަކޯސްތަކާއި ތަފާތުކޮށް މި ކޯހަކީ ދޮޅު އަހަރުގެ ކޯހެކެވެ. ފުލްޓައިމްކޮށް ކިޔަވާގޮތަށް އޮފަރކުރާ މި ކޯހަކީ ހުނަރުވެރި ކާމިޔާބު އިންޖިނޭރަަކަށް ވުމަށް ހުޅުވާލާ ފުރަތަމަ ދޮރެވެ.

އެޑްވާންސްޑް ސެޓްފިކެޓް އިން ސައިކޮލޮޖީ

ކުޅުދުއްފުށީ ކެމްޕަސްގައި ފެށުމަށް އިއުލާނުކޮށްފައިވާ މި ކޯހަކީ ފެކަލްޓީ އޮފް ހެލްތު ސައެންސަސްގެ ކޯހެކެވެ. ފުލްޓައިމްކޮށް ކިޔަވާގޮތަށް ހަމަޖެހިފައިވާ މި ކޯހުގެ އެންޓްރީ ކުރައިޓީރިއާއަކީ، އޯލެވެލް އެސްއެސްސީ އިމްތިހާނުތަކުން ތިންފާހެވެ. އެއް އަހަރުދުވަހުގެ މި ކޯސް ޑިޒައިންކޮށްފައިވަނީ ސައިކޮލޮޖީގެ އަސާސީ މައުލޫމާތާއި ހުނަރު ލިއްބައިދޭގޮތަށެވެ. މީގެ އިތުރުން ދަރިވަރުންގެ އިންޓަރޕާސަނަލް ސްކިލް އާއި އަމިއްލަ ތަރައްގީ އަށް މިކޯހުން އިންތިހާއަށް ފައިދާކުރާނެއެވެ. މިއީ ސައިކޮލޮޖީގެ ރޮނގުން ކުރިއަށްދިޔުމަށް އަޅާ ބިންގަލެވެ.

އެޑްވާންސްޑް ސެޓްފިކެޓް އިން ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް

މިއީ މުޅިން އަލަށް ކުޅުދުއްފުށީ ކެމްޕަސްގައި އޮފާކުރާ ކޯހެކެވެ. އެއް އަހަރުދުވަހުގެ މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ވަޒީފާގައިއުޅެމުން، ކިޔެވުމަށް ފަސޭވާނެގޮތަށް ފުލްޓައިމްކޮށް ހަވީރުއެވެ. މި ކޯސް ޑިޒައިންކޮށްފައިވަނީ ހޮސްޕިޓާލިޓީ ދާއިރާއާއި ޓުއަރިޒަމް ދާއިރާއަށް ބޭނުންވާ އިލްމާއި ހުނަރަށް ދަރިވަރު ތައާރަފުވާގޮތަށެވެ. ފަތުރުވެރިކަމުގެ މުހިންމު ދާއިރާތައް ދަސްވުމާއި މަސައްކަތްތައް ހިނގާނުހިނގާ ގޮތް މިކޯހުގެ ސަބަބުންދަސްވާނީ ތިޔަރީއާއި އަމަލީ ތަޖުރިބާގެ ތެރެއިންނެވެ. މި ކޯސް ފުރިހަމަކުރުމުން، ހޮސްޕިޓާލިޓީ އަދި ޓުއަރިޒަމް ދާއިރާގެ ޑިގުރީ ކޯސްތަކުން ޖާގަލިބޭނެއެވެ.

އެޑްވާންސްޑް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ

މިއީ އައިޓީ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް އޮތް އެންމެ ފަހި ފުރުސަތެވެ. އެއް އަހަރުދުވަހުގެ ފުލްޓައިމް މިކޯސް ފުރިހަމަކުރުމުން އައިޓީ އިންޑަސްޓްރީގެ ޓެކްނިކަލް ވަޒީފާތަކުން ފުރުސަތު ހުޅުވިގެންދެއެވެ. އަދި ދާއިރާގެ ޑިޕްލޮމާ އަދި ޑިގްރީ ކޯސްތަކުން ފުރުސަތުލިބެއެވެ.

އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ

މި ކޯހުގެ ކިޔެވުން އޮންނާނީ ހަފުތާބަންދުގައެވެ! ޝަރުއީ އަދި ޤާނޫނީ ދާއިރާއިން ކުރިއަށް ދިޔުމަށް ޝައުގުވެރިވާނަމަ، މިއީ އެންމެ ރަނގަޅު ކޯހެވެ. މި ކޯހުގައި އިސްލާމީ ޝަަރީއަތުގެ މުހިންމު މާއްދާތަކާއި އިނގިރޭސި ކޮމަންލޯ ފަދަ މުހިންމު މާއްދާތައް އެކުލެވިފައިވާނެއެވެ. މި ކޯސް ނިންމާލުމާއެކު ޑިޕްލޮމާ އަދި ޑިގުރީއަށް ޝަރުޠު ހަމަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355