twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީގެ މާލިއްޔަތުން ބޮޑުބައެއް ހޭދަވަނީ ތަޢުލީމަށް: ރަށު ކައުންސިލުގެ ރައީސް

May 28, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގެ މާލިއްޔަތުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތައުލީމީ ދާއިރާއަށްކަމަށް ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޖަމްޝީދު މުހައްމަދު މިހެން ވިދާޅުވީ، ރަށު ކައުންސިލުން އާންމު ރައްޔިތުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ރޭ ޖަލާލުއްދީން ސްކޫލުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މިބައްދަލުވުމުގައި ޖަމްޝީދު މުހައްމަދު ވިދާޅުވީ ފަށާ ތައުލީމަށް ކައުންސިލުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރައްވާ ކަމަށާއި ތައުލީމު ކުރިއެރުވުމަށް ވަރަށް މުހިއްމު އިސްކަމެއް ދެއްވާކަމަށެވެ.

” ކުޅުދުއްފުށީގެ މާލީއްޔާތުން ބޮޑުބައެއް ހޭދަވެގެން ދަނީ ތަޢުލީމަށް. މިރަށުު އަމީރު އަމީން ސްކޫލުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި ޒިންމާ ނަގައިގެން. އިރުމަތި އަވަށު ޕްރީސްކޫލް އިރުމަތި އަވަށު އޮފީހުން ޒިންމަދާރުކަމާއިއެކު ކުރިއަށް ގެންދަވާ.” ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ޖަމްޝީދު މުހައްމަދު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު އިތުރަށް ވިދާޅުވީ ކުޅުދުއްފުއްޓަކީ ކިޔަމަންތެރި ބަސްއަހާ ރައްޔިތުން ތިބި ރަށެއްްކަމަށާއި ވެރިކަމުގެ ފަރާތުން ދަންނަވާލާ ކޮންމެ ކަމެއްގައި ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭކަމަށެވެ. އަދި ރައްޔިތުންނާ ބައްދަލުކުރުން ލަސްވެއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ޖަމްޝީދު ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ވެރިކަމުގެ ފަރާތުން ރަށުގެ ސިއްހީ ހިދުމަތްތައް ކުރިއަށްދާގޮތް މީގެ ކުރިން ބެލިފައި ނެތްކަމަށް ވިދާޅުވެ ކައުންސިލުގެ ފަރާރުން ސިއްހީ ދާއިރާއަށް ކޮށްދެއްވަމުންގެންދަވާ މަސައްކަތްތައް ރައްޔިތުންނާ ހިއްސާ ކުރެއްވިއެވެ.

“މީގެ ކުރިން ކުޅުދުއްފުށީގެ ސިއްހީ ހާލަތު ކުރިއަށްދަނީ ކިހެނެއްތޯ ކުޅުދުއްފުށީގެ ވެރިކަމުން ބެލިފައެއްނެތް. އެހެންނަމަވެސް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ކަހަލަ ހިދުމަތްތައް ދިނުމަށްޓަކައި ރަށު މާލިއްޔާތުން އެހީތެރިވުމަށް ކައުންސިލްގެ އާއްމު ބައްދަލުވުމުގައި މަޝްވަރާ ކުރެވި ވަނީ އެއްބަސްވެފައި” ޖަމްޝީދު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި ކުޅުދުއްފުށީގެ ތަރައްޤީއަށް ރޭވިފައިވާ ބައެއް ކަންތައްތަކުގެ މައުލޫމާތު ދެއްވިއެވެ. އެގޮތުން ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ 225 ހައުސިން ޔުނިޓުތަކާބެހޭ ގޮތުން މައުލޫމާތު ދެއްވިއެވެ. އަދި މީގެ އިތުރުން ރައްޔިތުން ކުނި އުކާލުމުގައި ކުނިކޮށީގެ ބޭނުން ހިފުމަށާއި ބަންގީގެ އަޑު އިވޭހިނދު ކެރިކުޅަދާނަކަން ހުރި މިންވަރަކުން މިސްކިތްތަކަށް ހާޟިރުވުމަށް ވެސް ނަސޭހަތްތެރިވި އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ފަރާތުން ބޭއްވި އެޖަލްސާގައި ހދ އަތޮޅު ކައުންސިލުގެ ރައީސްގެ އިތުރުން އަތޮޅު ކައުންސިލުގެ ބައެއް މެމްބަރުން ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި އޭގެ އިތުރުން ރަށު ކައުންސިލުގެ އެހެނިހެން މެމްބަރުންވެސް ވާހަކަދެއްކެވިއެވެ. މިބައްދަލުވުމުގައި ހދ އަތޮޅު ކައުންސިލުގެ އޮނިގަނޑު ބެހިފައިވާ ގޮތާއި އެ ކައުންސިލުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ބޭފުޅުންގެ ނަންތައް ރައްޔިތުންނާ ހިއްސާކުރުމުގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ މަޤްޞަދުތަކާބެހޭ ގޮތުން ހދ އަތޮޅު ކައުންސިލުގެ ރައީސް ވާހަކަދެއްކެވިއެވެ. އަދި ރަށު ކައުންސިލުން ހިދުމަތްތައް ދިނުމުގައި ހަމަހަމަ ކަމާ އިންސާފުވެރިކަމާއެކު ހިދުމަތްތައް ދިނުމަށް ނަސޭހަތްތެރިވިއެވެ.

އެބޭފުޅުންގެ ވާހަކަގައި ކަރަންޓްގެ ހިދުމަތް ފުޅާކުރުމަށް ކުރެވުންދާ މަސައްކަތާއި ކުޅުދުއްފުށީގެ މަގުހެދުމާބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވިއެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަޢުލީމީ ދާއިރާއިން ކުރެވެމުންދާ ކަންކަމާބެހޭގޮތުން ވާހަކަ ދެއްކެވިއެވެ.

އެޖަލްސާގައި ކައުންސިލްގެ ރިޕޯރޓް ހުށަހެޅުމާއި ރަށު ކައުންސިލްގެ ވެބްސައިޓް އިފްތިތާހު ކުރުން އޮތެވެ. ވެބްސައިޓް އިފްތިތާހުކޮށްދެއްވީ ކުޅުދުއްފުށީގެ އެމްޑީޕީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ދަނބުގެ މުހައްމަދު އަލީއެވެ. ކައުންސިލްގެ އެރިޕޯރޓް ހުށަހެޅުއްވީ ކައުންސިލްގެ މެމްބަރު އަބްދުއްޝުކޫރު އަހްމަދެވެ. ކުޅުދުއްފުށީގެ އާބާދީއާ އަޅާބަލާއިރު މަދު އަދަދެއްގެ ބަޔަކު ބައިވެރިވި އެޖަލްސާ ނިންމާލީ ހާއްސަ ދުޢާ އަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355