twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި ސަރުކާރުގެ ޕްރޮޖެކްޓްތައް ފިނިހަކަ ދުވެލީގައި

ނަބީލާ އިސްމާޢީލް
Feb 7, 2022
11

އިންތިހާބުތަކާ ދިމާކޮށް ކޮންމެ ސަރުކާރަކުންވެސް ރައްޔިތުން ގުނބޯ ހެއްދުމަކީ ޒަމާނުންސުރެން ދެކެމުން އައި ހިތި ހަގީގަތެކެވެ. ނަމަވެސް މިއަދާ ޖެހެންދެންވެސް އެ ސަގާފަތް އައީ ވެރިކަމަށް ނުވަތަ މަގާމަކަށް ވާދަކުރާ ބަޔަކު ވަރަށްވެސް ފުރިހަމައަށް ދަމަހައްޓަމުންނެވެ.

ކޮންމެ އިންތިހާބަކާ ދިމާކޮށް ގުރުބާން ކުރަން ތައްޔާރުވެފައިވާ ކަންބަޅިތަކަކަށް ރައްޔިތުން ހަދައި، އެ މީހުންގެ ލޮލުގައި އަނދުން އަޅުވަ އެވެ. ވެރިކަމަށް އަންނަން ވިޔަސް، މަޖިލީހު ގޮނޑިއަށް ކުރިމަތިލިޔަސް، ކައުންސިލްކަމަށް ކުރިމަތިލިޔަަސް ނުފުއްދޭވަރު ވައުދު ތަކަކާއެކު ކޮންމެ ބަޔަކުވެސް ނުކުމެ އެވެ.

އެ ވައުދުތަކުން ފުނިޖެހި މަޝްރޫއުތައް މަޑުޖެހިފައިވާ މަންޒަރު އެންމެ ފުރިހަމައަށް ފެންނާނެ އެއް މަންޒިލަކީ ކުޅުދުއްފުއްޓެވެ. އަދުގެ ސަރުކާރުވެސް ވެފައިވާ ވައުދުތައް މިކުޅުދުއްފުއްޓަށް ބަލާލިޔަސް ފެންނަމުން މިދަނީ މިފަދަ ދޯހަޅި އުސޫލަކުން ކުރާތަނެވެ.

ފުރަތަމަ މި ސަރުކާރުން ހަވާލުވިއިރު ކުރީގެ ސަރުކާރުން ކުރަން ފަށާފައިވާ މަސައްކަތެކޭ ހިތާ ނުނިންމާ އެއްބަޔަކާ ހަވާލުކޮށް އަނެއް ބަޔަކާ ހަވާލުކޮށް ރަނބޯ ރަނބޯ ކުޅެން އުޅޭހެންވެސް ހީވެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓް: މި ސަރުކާރުގެ ދޮންދަރިއެއް!

ކުޅުދުއްފުށީ އެއާޕޯޓަކީ އެތަނުގެ މަސައްކަތް އެއްކޮށް ނިންމާނުލެވެނީސް 2018 ވަނަ އަހަރު ރިޔާސީ އިންތިހާބާ ދިމާކޮށް ހުޅުވާފައިވާ އެއާޕޯޓެކެވެ. އެތަން ހުޅުވައިދެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ދުވަހަށްވެފައިވަނިކޮށް އޭރުގެ ރައީސް އަބުދުﷲ ޔާމީނެވެ.

ޓެސްޓް ފްލައިޓްގެ އިތުރުން ރައީސް ޔާމީން އެއާޕޯޓް ހުޅުވަން ވަޑައިގެންނެވި ފުލައިޓާއި ރިޔާސީ އިންތިހާބަށް ވޯޓުލުމަށް މާލެގައި އުޅޭ ކުޅުދުއްފުށީ މީހުން ދެ ފްލައިޓްގައި އެ އެއާޕޯޓަށް ގެނެސްފައިވެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ ރަންވޭގެ ލައިޓިން ސިސްޓަމް ހަރުކުރުމަށް ބޭނުންވާ ބަޖެޓް ފާއިތުވި ދެ އަހަރު ބަޖެޓްގައި ހިމެނިނަމަވެސް އެ މަޝްރޫއު ކުރިއަށްގެންގޮސްފައެއް ނުވެ އެވެ.

އެއާޕޯޓު ހުޅުވިފަހުންވެސް މިއަދާހަމައަށް އެތަން ތަރައްގީކުރަން އެކި ހުވަފެންތައް އަންނަނީ ރައްޔިތުންނަށް ދައްކަމުންނެވެ. އެގޮތުން މިދިޔަ ޒުވާނުންގެ ދުވަސް ރަސްމީކޮށް ކުޅުދުއްފުށީގައި ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ އެކި ވުޒާރާތަކުގެ އިސްވެރިން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ދަނޑިވަޅާ ދިމާކޮށް އެ އެއާޕޯޓުގެ ރަންވޭގެ ލައިޓިން ހަރުކުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި އެވެ.

މަޝްރޫއު ކުރިއަށްގެންދިޔުމަށް ހަވާލުކުރީ ޗައިނާގެ، ޒެޑްއާރުޖީޑަބްލިޔު ކޯޕަރޭޝަން ލިމިޑެޑާ އެވެ. މި މަޝްރޫއު ހަވާލުކުރީ، ހަވާލުކުރާތާ 100 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެކަމަކު މަޝްރޫއު ހަވާލު ކުރިތާ "100" ދުވަސް ހަމަވާން މިހާރު މަދު ދުވަސްކޮޅަކަށް ވެފަ ވީނަމަވެސް އެ ކަމުގެ އަމަލީ މަސައްކަތްވެސް އަދި ފަށާފައެއް ނުވެ އެވެ.

އެންމެ ބާރުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓްކަމުގައިވާ މި ތަނުގައި ފުލައިޓް ޖައްސަން ފެށިތާ 3 އަހަރުވެގެން ދިޔައިރު ދުވާލަކު 1 ފުލައިޓަށް ވުރެން ފުލައިޓު އިތުރެއް ނުކުރެވުނެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާއާ ނުތަނަވަސްކަން ކިއްތަމެއް ބޮޑުވިނަމަވެސް ސަރުކާރަށް "ކަހަރުވަކެކޭވެސް" ހީނުވާ ކަހަލަ އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހި: މަޝްރޫއު ފިނިހަކަ ދުވެލީގައި

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ސޮއިކޮށް، ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.

100.7 މިލިއަން ރުފިޔާއަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ 510 ދުވަސްތެރޭގައި ނިންމާގޮތަށް ހަވާލުކުރި މި މަޝްރޫއު ވީތަނެއްވެސް ނޭގެ އެވެ. އެކަމުގެ އަމަލީ މަސައްކަތްވެސް އަދި އަދަށްވެސް ފެށިފަ އެއްނުވެ އެވެ.

ކުޅުދުއްފުއްޓަކީ ރާއްޖޭގައި އެންމެ ގިނައިން އެއްގަމު ވެހިކަލް ބޭނުންކުރާ އެއް ރަށެވެ. އެހެންވުމުން މަގުތައް އަބަދުވެސް އޮންނަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތާރު އަޅައިގެން ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 30 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅުދުއްފުށީގައި މަގުތައް ހެދުމުގެ މަޝްރޫއު ފުރަތަމަ ފެށީ 2010 ވަނަ އަހަރުގެ ތެރޭގައި އެވެ. އެކަމަކު އެ މަޝްރޫއު ހުއްޓިފައި އޮތުމަށްފަހު މަސައްކަތް ފެށީ 2013 ވަނަ އަހަރު އެވެ.

އަނެއްކާވެސް އިންތިހާބެއް ކުރިމަތިވާ ހިސާބުން އަނެއް ބަޔަކާ މަސައްކަތްތައް ހަވާލުކުރަންވީ އެވެ.

ކުޅުދުއްފުށީ ޓާޝިއަރީ ހޮސްޕިޓާ: ބިލާހެއްބާ؟

މިއަދަކު އިއްޔެއަކު ނޫން އިނގޭތޯ! މީގެ އެތައް ޒަމާނަކުންސުރެން ކުޅުދުއްފުށީ ރީޖަލަން ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ތަރައްގީ ކުރަން ވައުދުތައް ވަމުން އަންނަތަން ފެނިފެނި ފޫހި ނުވާ ކުޅުދުއްފުށީ ރައްޔިތަކު ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ސަރުކާރުގެ ވެރިއެއް ނުވަތަ ސިއްހީ ދާއިރާގެ ބޮޑެއް ކުޅުދުއްފުއްޓަށް އަރާ ކޮންމެ ފަހަރަކު" ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަކަށް ތަރައްގީ ކުރަން އަންނަ އަހަރު ނުވަތަ އަންނަ މަހު ފަށާނަން." މިހެން ނުބުނާ ބޭފުޅަކު ނުފެނެ އެވެ.

ނުފުއްދޭވަރު ވައުދުތަކަކާއެކު ރައްޔިތުންނާ ބައްދަލުކޮށް، އެތައް ފަހަރަކު އެއް ވައުދުތަކައިގެން ނުވަތަ ބާ ވައުދުތަކެއް ހިފައިގެން ރައްޔިތުންނާ ކޮންމެ ފަހަރަކު ކުރިމަތި މިލަނީ ހަމަ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީމަބާއޭ ހިތަށް އަރަ އެވެ.

ކުރީގެ ވާހަކަތައް ބާއްވަމާ! މިސަރުކާރުން ވެރިކަމަށް އަންނަންވެގެން ވީ ރިޔާސީ ވައުދުތަކުގެ ތެރޭގައިވެސް މި ރަށުގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ވަނީ ރައީސް ސޯލިހު ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް ވެރިކަމަށް 3 އަހަރު ފާއިތުވީ އެވެ. ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ކުލަވަރެއް އަދި ނުފެނެ އެވެ.

ރައީސް ސޯލިހްގެ ކޮންމެ ރިޔާސީ ބަޔާނެއްގައި ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝިއަރީ ކުރާނެކަމުގެ ވާހަކަ ވިދާޅުވުން ފިޔަވާ މާ ބޮޑުކަމެއް ސަރުކާރަކުން ކުރާ މަންޒަރެއް ނުފެނެ އެވެ. އެކަމަށް ބޭނުންވާ ބިން ކަނޑައަޅައި ސަރުކާރުން ބޭނުންވާ ތަނުން ބިންވެސް ހަމަޖައްސާފައިވާތާ ދެ އަހަރުވެފައިވީއިރުވެސް އަމަލީ މަސައްކަތެއް ނުފެށެ އެވެ.

މިދިޔަ އަހަރު ޖުލައިމަހު ކުޅުދުއްފުށީ ކައުންސިލާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅެއްގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި ސަރުކާރުން އަޅަން ވައުދުވެފައިވާ ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގއަށް ހުޅުވާލުމުގެ މަރުހަލާގައި ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ މަސައްކަތް ހަމަޖެހިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށާއި އެ ޕްރޮޖެކްޓް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކުވެއިތު ފަންޑުވެސް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ ފަހުން މިއަހަރު ރިޔާސީ ބަޔާނުގައިވެސް ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝިއަރީ ފެންވަރަށް ތަރައްގީކުރަން ފަށާނެކަން ރައީސް އިއުލާނުކުރެއްވި އެވެ. އެކަމަކު އެ ވާހަކަތަކަކަށް ރައްޔިތުން އިތުބާރެއް މިއަދަކު ނުކުރެ އެވެ.

"ތިން އަހަރުވެގެންދިޔައީ އެހެން ކިޔަކިޔާ ތިބޭތާގަ. އަނެއްކޮޅުން ހޮސްޕިޓަލުގައިވެސް އިމާރާތްތަކެއް ބިން ގެއްލޭ ގޮތަށް އެބަކުރޭ." ޒިންމާދާރު މަގާމެއްގައި ހުރި ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާ ހޮސްޕިޓަލެއް އަޅަން ކިޔާއިރު މިހާރުގެ ހޮސްޕިޓަލުގައި އެކި އިމާރާތްތައް ކުރަމުންދާއިރު ރައީސް ވައުދުވި ޓާޝިއަރީ ހޮސްޕިޓަލްގެ އިމާރާތް އަޅާނެކަމާމެދު ޝައްކެވެ. އެތަނުގައި އިމާރާތްތައް ކުރަނީ ބިމުގެ ޖާގަ ގެއްލޭގޮތަށް މުޅި ތަނަށް "ބޯކިބަލެއްހެން" ފަތުރަމުން ކަމަށެވެ.

ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކުޅުދުއްފުށީގައި ސަރުކާރުގެ އިމާރާތްތައް ބިމުގެ ޖާގަ ގެއްލޭގޮތަށް އިމާރާތްކުރަމުންދިޔުމަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުމެކެވެ. ރައްޔިތުންގެ އަޑުއަހާނެ ކަމަށް ބުނަމުން އައި ސަރުކާރުގެ އަަމަލުތަކުން އެ މަންޒަރު ނުފެންނަކަމީ ރައްޔިތުން ސަރުކާރާމެދު އޮތް އިތުބާރު ގެއްލި މާޔޫސްކުރުވިކަމެކެވެ.

މަޝްރޫއުތައް ހުއްޓިފަ: އެފަދަ އެތައް މިސާލެއް!

ތަރައްގީގެ އެހެން ޕްރޮޖެކްޓްތަކަށް ބަލާލިޔަސް ފެންނަނީ އެ މަންޒަރެވެ. ރައްޔިތުން އެދުނު ގޮތަށް ބަނދަރެއް ތަރައްގީނުކުރެވި އެއާ އޮޅުލާތާ 3 އަހަރުވެގެންދަނީ އެވެ. ކުނިކޮށިވެސް ވެމްކޯއާ ހަވާލުނުކުރެވި ބޮޑުނަގުލަށްގޮސް އޮބަނީ އެވެ. އެހެންގޮސް އެފަދަ ކިއްތަމެއް މިސާލެއް މި ކުޅުދުއްފުށިން ފެންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355