twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދޮޅުމަސްތެރޭގައި ކޮވިޑް އިންތިހާއަށް ފެތުރި، ކޮންޓްރޯލް ނުކުރެވި!

ކުޅުދުއްފުށީގައި ދޮޅުމަސްތެރޭގައި ޖުމްލަ 900 އަށްވުރެގިނަ މީހުންނަށް ކޮވިޑް ޖެހުނުއިރު މިވަގުތުވެސް 500 އަށްވުރެގިނަ މީހުން ބަލި ޖެހިފައި އެބަތިބި.

ޚަދީޖާ އާދަމް
Feb 6, 2022
5

ގިނަ ދުވަސްތަކަކަށްފަހު ކުޅުދުއްފުށިން ކޮވިޑް ކޭހެއް ފެނުނީ މިދިޔަ އަހަރު ޑިސެންބަރު މަހު 20 ވަނަ ދުވަހުއެވެ. އެ ދުވަހު 2 ކޭސް ރިޕޯޓްކުރި އިރު ޕޮޒިޓިވްވި އެކަކު ކޮންޓެކްޓެއް ނެތެވެ. ދެން ޕޮޒިޓިވްވީ އޭޑީކޭ ކޯލް ސެންޓަރުގެ މުވައްޒަފެކެވެ. އެ ކްލަސްޓާއާ ގުޅުންހުރި އިތުރު ބަޔަކު ޕޮޒިޓިވްވެ އަދަދު މަތިވިއެވެ.

ގިނަ ދުވަސްތަކެއް ނުވެ އިތުރު ކްލަސްޓާތައް ފެންނަން ފެށިއެވެ. ކްލަސްޓާތައް އިތުރުވެ ކުޅުދުއްފުށީގެ އަދަދު އުފުލެމުން އައީ ވަރަށް ހަލުވިކޮށެވެ. ނަމަވެސް ހާލަތަށް އައިސްފައިވާ ބަދަލާއެކު އެކަށީގެންވާ ފިޔަވަޅުތައް އެޅުމުގައި ވަރަށް ބޮޑަށް ލަސްވެގެން ދިޔައެވެ.

ކޭސްތައް އިންތިހާއަށް އިތުރުވަމުންދިޔަ ނަމަވެސް ފިޔަވަޅުތައް އެޅުން މަޑުޖައްސާލާފަ އޮތުމަށްފަހު ޖެނުއަރީ 22 ވަނަ ދުވަހު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކައުންސިލުން އިލްތިމާސްކުރި އެވެ. ބަލި ފެތުރުނަސް ކުރިން ފިޔަވަޅުތައް އެޅުން މަޑުޖެއްސީ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަކޮށްފައިވުންނެވެ.

އެގޮތުން މާސްކު އަޅައި، ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށާއި އެއްގެއިން އަނެއްގެއަށް ޒިޔާރާތްކުރުން ހުއްޓާލުމަށް ކައުންސިލުން އެދުނެވެ. އަދި އާންމު މައިދާންތަކާއި ޕާކުތަކަށް އެއްވެއުޅުން ހުއްޓާލުމަށާއި އެއްފަހަރާ 3 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗަށާއި އާންމުމތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށްވެސް ކައުންސިލުންގެ އިއުލާނުގައި ބުނެފައިވެއެވެ.

ނަމަވެސް އުސޫލުތައް ތަންފީޒުކުރާނެ ބަޔަކު ނެތުމުން ކައުންސިލުން ނެރުނު ފިޔަވަޅުތަކަށް އަމަލުކުރާނެ މީހަކު ނުވި އެވެ. ނަތީޖާއަކަށްވީ ދޮޅުމަސްތެރޭ ކުޅުދުއްފުށީގެ ކޭސްތަކުގެ އަދަދު ހާހަކާ ގާތްކުރިކަމެވެ. ޑިސެންބަރު 20 ފެށިގެން މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ޖުމްލަ 917 މީހުން ވަނީ ޕޮޒިޓިވްވިއިރު މި ވަގުތުވެސް ބަލި ޖެހިފަ 500 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

އެ ދުވަސްކޮޅު ރާއްޖޭގެ ކޭސްތައްވެސް އިންތިހާއަށް އިތުރުވެފައިވާތީ އެޗްޕީއޭއިން ނެގެޓިވް ޕީސީއާރަކާއެކު އެއްރަށުން އަނެއްރަށައް ދަތުރުކުރެވޭ ގޮތަށް އުސޫލު ބަދަލުކުރިއެވެ. ނަމަވެސް ހިތާމާއެކު ފާހަގަކުރަންޖެހޭ ކަމަކީ ކުޅުދުއްފުއްޓަށް އަންނަ އެއްވެސް ފަރާތެއްގެ ނެގެޓިވް ޕީސީއާރެއް އޮތްތޯ އެއްވެސް ތަންފީޒީ އިދާރާއަކުން ބަލާފައި ނުވާކަމެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާލެއިން ރަށަށް ދަތުރުކޮށްފައި ތިބި މީހުން ހިމެނޭކަމެވެ.

ކަން މިހެން އޮތްވާ ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކަށްވީ ފިޔަވަޅުތަކަށް ލުއިދިނުމެވެ. މީގެ ކުރިންވެސް އެކި ފަހަރު މަތިން ކުޅުދުއްފުށިން ކޭސްތައް ފެނި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެއެވެ. ކާފިއުވެސް ހިންގާފައިވެ އެވެ. ނަމަވެސް މިހާ ގިނަ އަދަދަކަށް އެއްވެސް ފަހަރަކު ކޭސްތައް އިތުރުވެފައެއް ނުވެއެވެ. އެހެންކަމުން ހާލަތު އެންމެ ނާޒުކުވި ފަހަރު ލުއިދިނުންވީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށެވެ.

ކުޅުދުއްފުށީ ޓާސްކް ފޯހުން ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމީ އާންމު ދިރުއުޅުމުގެ ކަންކަމަށް ބުރޫ ނާރާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމުގެ ގޮތުންނެވެ. އަދި ކޭސްތައް އިތުރުވި ނަމަވެސް އެޑްމިޓްކޮށްގެން ނުވަތަ ކްރިޓިކަލް ކޭސްތައް ނުފެންނާތީއާއެކު އާބާދީގެ ބޮޑު އަދަދެއް ވެކްސިން ފުރިހަމަކޮށްފައިވާތީ އެވެ.

ކުރީ ފަހަރުތަކާ ހިލާފަށް މިފަހަރު އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ނިސްބަތް މަދު ނަމަވެސް ކޮވިޑް ޖެހޭ ފަރާތްތައް ވަރަށް ގަދައަށް ހުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ. މި މުއްދަތު ތެރޭގައި އެޑްމިންޓްކޮށްގެން ފަރުވާދީފައިވަނީ 16 މީހަކަށެވެ. ކުޅުދުއްފުށީގެ އާބާދީގެ 93 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި މިހާރު ދެމުންދާ ބޫސްޓާ ޑޯޒް 421 މީހަކު ވަނީ ފުރިހަމަކޮށްފައެވެ.

ލުއިތައް ދިންނަމަވެސް ދީފައިވާ ލުއިތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ ކޭސްތައް މަދުކުރުމަށް ރައްޔިތުންނަށް ފަރުދީގޮތުން އަދާކުރެވިދާނެ ޒިންމާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355