މަސްތުވާ ތަކެތީގެ ވިޔަފާރި ހުއްޓުވަން ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މަސްތުވާ ތަކެއްޗަކީ އޭގާ ވަރަށް ބޮޑު ފަހަތެއް އޮންނަ އިންތިޒާމްވެ ގުޅިގެން ހިންގާ ބައިނަލްއަގުވާމީ ބޮޑު ވިޔަފާރިއެއް ކަމަށާ އެދޮރުތައް ބަންދުކޮށް އެވިޔަފާރި ހުއްޓުވުމަކީ އިންތިހާ އަށް ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން ޑްރަގްގެ މައްސަލަ އިތުރަށް ގޯސްވި ކަމަށެވެ. އެދޮރުތައް ބަންދުކޮށް އެވިޔަފާރި ހުއްޓުވުމަކީ އިންތިހާ އަށް ގޮންޖެހުން ބޮޑު ކަމެއްކަމަށާއި ނަމަވެސް ދޫވެފައިވާ ހުރި ގޮށްތައް ބާރުކޮށް ހުޅުވާ ދޮރުތައް ބަންދުކޮށް އެމީހުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް ދޫވެފާ ހުރި ގޮށްތައް ބާރުކޮށް ހުޅުވާ ދޮރުތައް ބަންދުކޮށް އެމީހުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނަން. ކަމާބެހޭ ޓާސްކް ފޯސް އެކުލަވާލެވި ކުރަން ޖެހޭކަންކަން ސަރުކާރުން މި ދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ މި ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ފެންނާނެ." ރައީސް ވިދާޅުވި އެވެ.
މިކަމަށް ހާއްސަކޮށް ހުޅުމާލޭ ހާފްވޭ ހައުސްގެ އުމުރާނީ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ރައިސް ވިދާޅުވި އެވެ. އަދި ބޭނުންވާ އިންސާނީ ވަސީލަތް ތަރައްގީ ކުރުންވެސް ވަނީ ފެށިފައި ކަމަށާއި މި ދެބައި ފުރިހަމަވުމުން މަގުމަތިވެފައިވާ ފަރާތްތަކުގެ މައްސަލަތަކަށް ލުއި ލިބެންފަށާނެ އެ މަނިކުފާނު ވިދާޅުވި އެވެ.
މަސްތުވުމާއި ފޯރުކޮށްދިނުމުގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންގެ ފަރުވާގެ ރިމާންޑް ސެންޓަރެއް ގުޅީފަޅުގައި މިހާރު ހިނގައި އަދި ޑްރަގާ ގުޅުންހުރި ކުށްތަކާ ފަރުވާ ބޭނުންވާ ފަރާތްތައް ގިނަކަން ފާހަގަކުރެވޭ ސަރަހައްދުތަކުގައި ފަރުވާގެ މަރުކަޒުތައް ވަނީ އަލުން ފެށިފައިކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެއާއެކު ރަށު ކައުންސިލް އާ ސިއްހީ މަރުކަޒުގެ ބެލުމުގެ ދަށުން ރަށުގާ ހުރެގެން ފަރުވާހޯދޭނެ ބަދަލެއްވެސް މިއަހަރު އެޕްރީލްގެ ކުރިން ފެށޭނެކަމަށް ރައީސް ވިދާޅުވި އެވެ.
"މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގާ އަޅުގަނޑު ފާހަގަކުރި ޑްރަގާ ގުޅޭ ޒަމާނީ ފެންވަރުގެ މަރުކަޒު ހުޅުމީދޫގާ އެވަނީ ނިންމާފަ. 60 މީހުންގެ ޖާގައިގެ މިމަރުކަޒުން ފަރުވާ ފަށައިގަތުމުގެ ފަހުގެ ތައްޔާރީތަށް މިހާރު ދަނީ ހިނގަމުން." ރައީސް ވިދާޅުވި އެވެ.
ޖަލުގައި ބަންދު ކުރެވިފައިވާ ޤައިދީން ނަށް އަމާޒުކުރެވޭ މުޅިން އާ ރީހެބިލިޓޭޝަން ޕްރޮގްރާމެއް މިމަހު ފެށޭނެ ކަމަށާއި މަސްތުވާ ތަކެއްޗާ ދެކޮޅަށް ރާއްޖޭގެ ފުލުހުންނާ ކަސްޓަމްސާއި ކަމާގުޅޭ މުއައްސަސާ ތަކުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މިދިޔަ ތިން އަހަރުއެވެ.
ތަފާތު 330 އޮޕަރޭޝަނަކުން ޖުމްލަ 3.1 ޓަނަށްވުރެ ގިނަ ޑްރަގް ވަނީ އަތުލާ ގަނެފަކަމަށާއި މި ތަކެތީގެ މަގުމަތީ އަގު 2.1 ބިލިއަން ރުފިޔާއަށް ވުރެ ގިނަވާނެ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.