އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 6 - 0 ން ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ސެމީ ފައިނަލުގެ ޖާގަ ހޯދައިފި އެވެ.
ގްރޫޕް އޭގެ ދެވަނައިގައި ލިބުނު 9 ޕޮއިންޓާއެކު ސަސް ސެމީއަށް ދަތުރުކުރިއިރު މި ގްރޫޕްގެ އެއްވަނަ ހޯދީ ކުލަބް އީގަލްސް އެވެ. މިރޭ ސަސް ހޯދި މޮޅާއެކު މާޒިޔާ މުބާރާތުން ކެޓިއިރު ދަ ގްރާންޑޭއިން ތިން ޕޮއިންޓާއެކު ހަތަރުވަނަ ހޯދި އެވެ. 2018 ވަނަ އަހަރުގެ ޗެމްޕިއަން ކްލަބް ގްރީން ސްޓްރީޓްސްއިން މުބާރާތް ނިންމާލީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގަ އެވެ.
މިމެޗާއެކު ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމިފައިވާއިރު ބުދަ ދުވަހު ސެމީ ފައިނަލުގެ މެޗުތައް ކުޅެވޭނެ އެވެ. ބުދަ ދުވަހު ހަވީރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސް ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނައިރު އެރޭ ދެވަނަ ސެމީގަައި ސަސް ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހާ ސަސްއަށް ލީޑު ނަގައިދިނީ އެޓީމުގެ އަރަމުން އަންނަ ޒުވާން ތަރި ސާލިފް ހުސައިން އެވެ. ސާލިފް މި ގޯލު ކާމިޔާބުކުރީ އިޝް އާފް މުހައްމަދު ފިރާގު ނަގައިދިން ހުރަހަކުންނެވެ.
މެޗުގެ 23 ވަނަ މިނިޓްގައި އަހުމަދު އައިހަމް މުހައްމަދު ސަސްގެ ދެވަނަ ގޯލު ކާމިޔާބުކުރިއިރު މެޗުގެ 25 ވަނަ މިނެޓުގައި ސަސްއިން ވަނީ ތިންވަނަ ގޯލެއް ޖަހާފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ވިޝާހު އަބްދުލްމަޖީދު އެވެ.
ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ވިޝާހު ސަސްގެ ހަތަރުވަނަ ގޯލު ވެސް ކާމިޔާބުކުރިއިރު ފަސްވަނަ ގޯލް ޖަހީ އަލީ ޝާޒް ހަބީބެވެ. ސަސްގެ ފަހު ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ސަސްގެ މުތާއު އެވެ.
އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު 13 ވަނަ ދުވަހަށް ތާވަލު ކުރެވިފައިވާއިރު އެފްއޭއެމުން އަންނަނީ މިމެޗު ފ. ނިލަންދޫ ޓާފު ދަނޑުގައި ބޭއްވޭތޯ މަސައްކަތް ކުރަމުންނެވެ.