twitterviber whatsapp telegramfacebookyoutube instagram
4th May 2024

މި އަހަރު މުޅިން އަލަށް 26 ހޮސްޕިޓަލެއްގެ މަސައްކަތް ފަށަނީ

Feb 6, 2022

ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާއި ހަމައަށް އުމްރާނީ ތަރައްގީގެ 28 މަޝްރޫއު މިއަހަރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އަތޮޅުތެރޭގެ ސިއްހީ ފަރުވާދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ކަންކަން ހަމަކުރުމަށް އަބަދުވެސް މަސައްކަތް ކުރެވެމުން ދާކަމަށާއި، އެކަމުގެ ނަތީޖާއެއްގެގޮތުން ސިއްހީ ހިދުމަތް ހޯދަން މާލެއަށް އައުން މަދުވެފައިވާކަމަށެވެ.

ސިއްހީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ގާއިމުކުރާ ޓަރޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތް ކަމަށާއި އެގޮތުން މިއަހަރުގެ މެދެއްހާ ހިސާބުގައި ޓަރޝިއަރީ ހޮސްޕިޓަލްތައް ސްޕެޝަލިސްޓުންގެ ހިދުމަތާއެކު ފަށައިގަނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރަށް ރޭވިފައިވާ މަޝްރޫއޫތަކާއި ގުޅޭގޮތުން ހެލްތު މިނިސްޓަރ ވިދާޅުވީ ކުވޭތުފަންޑުގެ އެހީގައި ހދ.ހަނިމާދޫ ށ.މިލަންދޫ ނ. ވެލިދޫ އދ.މާމިގިލީ ކ.ތުލުސްދޫ އއ.ފެރިދޫ ތ. ވިލުފުށި އއ.ރަސްދޫ އާއި ފުވައްމުލައް ސިޓީގައި 30 އެނދުގެ ހޮސްޕިޓަލްތައް އެޅުމަށާއި ހދ.ކުޅުދުއްފުޓާއި ގދ.ތިނަދޫގައި 50 އެނދުގެ ހޮސްޕިޓަލް އެޅުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހއ.އަތޮޅާއި ނ. އަތޮޅާއި ޅ.އަތޮޅުގައިވެސް ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެތެރެއިން ނ.މަނަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށާއި ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ ލޯނު އެހީގައި ރ.އަލިފުށީގައި 30 އެނދުގެ ހޮސްޕިޓަލަކާއި ދ.ކުޑަހުވަދޫ ހއ.ދިއްދޫ އާއި ގއ.ވިލިނގިލީގައި 50 އެނދުގެ ހޮސްޕިޓަލް ތަރައްގީކުރުމަށްވަނީ ހަމަޖެހިފައެވެ.

ޑޮއިޗޭ ބޭންކްގެ ލޯނު އެހީގެ ދަށުން ލ.ގަމުގައި 100 އެނދުގެ ޓަރޝިއަރީ ހޮސްޕިޓަލަކާއި ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާއިރު ދިވެހި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ރ.މީދޫއާއި ބ.ތުޅާދޫ އަދި ހއ.ހޯރަފުށީގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމަށްވަނީ ނިންމާފައެވެ. އަދި ށ.ފުނަދޫގައި 50 އެނދުގެ ހޮސްޕިޓަލެއް އެޅުމަށްވެސް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355