twitterviber whatsapp telegramfacebookyoutube instagram
18th April 2024

ނޫރު ޖަމިއްޔާއިން ކުޅުދުއްފުށީގެ ކްލަބް ޖަމިއްޔާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

May 29, 2011

އިބްރާހިމް ހަމީދު

ހިލޭ ސާބަހަށް މަސައްކަތްކުރާ ކުޅުދުއްފުށީގެ ޖަމިއްޔާއެއް ކަމަށްވާ ނޫރު ޖަމިއްޔާއިން ކުޅުދުއްފުށީގައި އުފެދިފައިހުރި ކުލަބް ޖަމިއްޔާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ކުޅުދުއްފުށީ “ސުފުރާމަތި” ރެސްޓޯރެންޓުގައި މިރޭ ބޭއްވި ބައްދަލުވުމަކީ އަންނަ ޖޫންމަހުގެ ތޭރަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ދީނީ ދަރުސްގެ އިންތިޒާމުތައް ކުޅުދުއްފުށީގެ އެހެން ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ބޭއްވުމަށާއި ދީނީ ރޫހު އާލާކުރުމުގެ މަސައްކަތުގައި އެހެނިހެން ކްލަބް ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށް ނޫރު ޖަމިއްޔާގެ ނާއިބު ރައީސް ތޮލްހަތު އިބްރާހީމް ވިދާޅުވިއެވެ.

ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދީނީ ދަރުސްގެ ކަންތައްތަކުގައި ކުޅުދުއްފުށީގެ އެހެން ކުލަބް ޖަމިއްޔާތަކުގެ އެހީތެރިކަން ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށް ދީނީ ޖަމިއްޔާއެއް ކަމަށްވާ ނޫރު ޖަމިއްޔާއިން ހާމަކުރެއެވެ. އަދި މިފަދަ މަޝްވަރާ ބައްދަލުވުމެއް އަންނަ މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.

“މި ޖަމިއްޔާތަކާއެކު ޖޫންމަހުގެ އެއްވަނަ ދުވަހުގެ ރޭ ބައްދަލުވުމެއް ބާއްވާގޮތަށް ވަނީ ހަމަޖެހިފަ. އެބައްދަލުވުމުގައި އެ ޖަމިއްޔާތަކުން ބައިވެރިވެވޭނީ ކޮންކަހަލަ ކަންތައްތަކެއްގައި ކަން އެގިގެންދާނެ.” ނޫރު ޖަމިއްޔާގެ ނައިބު ރައީސް ތޮލްހަތު އިބްރާހީމް ވިދާޅުވިއެވެ.

ނޫރު ޖަމިއްޔާ އާއި ކުޅުދުއްފުށީގެ އިތުރު ޖަމިއްޔާތަކާއި ގުޅިގެން އަންނަ މަހު ބާއްވާ ދީނީ ދަރުސް އޮންނާނީ މޫސުމް ތަންދޭނަމަ ކުޅުދުއްފުށީ ބަންޑާރަ މައިދާނުގައި ކަމަށް އެޖަމިއްޔާއިން މައުލޫމާތުދެއެވެ. އައްޝައިހް ޢާދަމް ޝަމީމް ދީނީ ނަސޭހަތް ދެއްވާގޮތަށް ހަމަޖެހިފައިވާ ދީނީ ދަރުސް މޫސުމް ގޯސްނަމަ ބާއްވާނީ ޖަލާލުއްދީނު ސްކޫލުގެ ހޯލުގައި ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.

މިއީ ޝެއިހް ޢާދަމް ޝަމީމް މަތިއުތުރު ޕްރޮވިންސަށް ކުރައްވާ ދަތުރެއްގައި އެޖަމިއްޔާގެ އެދިލެއްވުމުގެ މަތިން ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ދީނީ ދަރުސެއްކަމަށާއި ވީހާވެސް ގިނަ ރައްޔިތުން މިދަރުސްގައި ބައިވެރިވުމަކީ އެޖަމިއްޔާގެ ވަރަށް ބޮޑު އެދިލެއްވުމެއްކަމަށް ނޫރު ޖަމިއްޔާގެ ނާއިބު ރައީސް ވިދާޅުވިއެވެ. އަދި މިހަރަކާތަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށް އެޖަމިއްޔާއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355