ނ. މަނަދޫ ކައުންސިލުން ހިންގާ މަނަދޫ ޕްރީސްކޫލްގެ އުނގެނުމާއި އުނގަންނައިދިނުމުގެ ޙަރަކާތްތަކަށް އެވިޑް ކޮލެޖުން އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ރާވައިފައިވާ ޕްރޮގްރާމްގެ ދަށުން މަނަދޫ ސްކޫލްގެ ޓީޗަރުންނަށް ޚާއްޞަކޮށްގެން ހުޅުވާލި ތިން ސްކޮލަރޝިޕްގެ ފުރުޞަތުތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ޙަވާލުކޮށްފިއެވެ.
އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި އެކަމަށް ޚާއްޞަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްކޮލަރޝިޕަށް ހޮވުނުފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދުއެވެ.
މިރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ސީނިއަރ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެލެއްވެވިއެވެ. އަދި ވަރޗުއަލްކޮށް، މަނަދޫ ކައުންސިލްގެ އިދާރާގައި ތިއްބަވައިގެން ކައުންސިލްގެ މެމްބަރުންނާއި ސްކޮލަރޝިޕްތަކަށް ހޮވުނު ފަރާތްތައް ބައިވެރިވެ ލެއްވެވިއެވެ.
ސްކޮލަރޝިޕްތަކަށް ހޮވިފައިވަނީ ނ. މަނަދޫ މުރަކަ އަލްފާޟިލާ ޒާހިދާ ހަސަން އާއި ޑޭޒީމާގޭ އަލްފާޟިލާ އައިމިނަތު ސާނިހާ އަދި ފިނިފެންމާގެ ޝަޒުރާ އަބޫބަކުރެވެ. ސްކޮލަރޝިޕް ފުރުސަތުގެ ދަށުން މިތިން ފަރާތްތަށްވެސް ލިބިފައިވަނީ އެވިޑް ކޮލެޖުން ހިންގާ 3 އަހަރު ދުވަހުގެ ބެޗްލަރސް އޮފް އަރލީޗައިލްޑްހުޑް ޕްރޮގްރާމްއެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީތަޢުލީމުގެ ފުރުޞަތު އަތްފޯރާފަށުގައި ފޯރުކޮށްދޭ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި ހިންގާ ތަފާތު ދާއިރާތަކުގައި ތަފާތު ދަރަޖައިގެ ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލިމު ހާޞިލްކުރަމުންގެންދެއެވެ.