twitterviber whatsapp telegramfacebookyoutube instagram
10th May 2024

ޔޫވީއާއި ޓީސީ ކަޓުވާލުމަށްފަހު ސަސް އަދި އީގަލްސް ފައިނަލަށް، ފައިނަލް ކުޅޭނީ ނިލަންދޫގައި

މުޙައްމަދު އަހުމަދު
Feb 10, 2022

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް 1 - 0 ން ބަލިކޮށް ކްލަބް އީގަލްސް މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު ސަސްއިން އެޓީމުގެ ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އިއްޔެ ހަވީރު ކުޅެވުނު ފުރަތަމަ ސެމީގައި އީގަލްސްއިން ޓީސީގެ މައްޗަށް ކުރިހޯދީ 1 - 0 ގެ ހަނި ތަފާތަކުންނެވެ. މިމެޗުގައި އީގަލްސްގެ ހަމައެކަނި ގޯލު މެޗުގެ 67 މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 23 މުހައްމަދު ސަމާހް މޫސާ އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ އީގަލްސްގެ ސަމާހް އެވެ.

އިއްޔެ ރޭ ސަސްއާއި ޔޫވީ ބައްދަލުކުރި ސެމީގެ ދެވަނަ މެޗުގައި ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެޓީމަށް ލަނޑެއް ނުޖެހުމުން އިތުރުވަގުތު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގައި ވެސް ތަފާތެއް ނުފެނުނު މިމެޗުގެ ޕެނަލްޓީގައި ސަސްއިން މިވަނީ ޔޫވީ 3 - 2 ން ބަލިކޮށް ސަސްގެ ފުރަތަމަ ޔޫތު ޗެމްޕިއަންޝިޕްގައި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ސަސްގެ ސާލިފް ހުސެއިންއާއި އަހްމަދު އައިހަމް މޫސާ ޖެހި ޕެނަލްޓީ ޔޫވީގެ ކީޕަރު ދިފާއުކުރި އެވެ. ސަސްގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިޝް އާފް މުހައްމަދު ފިރާގު. ވިޝާހު އަބްދުލް މަޖީދުގެ އިތުރުން އަލީ ޒާލިފް އެވެ. ޔޫވީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ލަމާން ޒާހިރާއި ޒަހުވާން މުހައްމަދެވެ. ޔޫވީގެ ޒައިޝާން، ތިބްޔާން އަދި ކެޕްޓަން މުހައްމަދު ޒައިން ސުޖާއުގެ ޕެނަލްޓީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސަސްގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވަނީ މަތަކޮށްފަ އެވެ.

ފައިނަލުގައި އީގަލްސްއިން އަންނަ އާދިއްތަ ދުވަހު ސަސްއާ ދެކޮޅަށް ނުކުންނައިރު މިމެޗު އޮންނާނީ ފ. ނިލަންދޫ ޓާފް ދަނޑުގައި ކަމަށް އެފްއޭއެމުން ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355