twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޒިގްޒެގް އިންޓަރ-އޮފީސް ފުޓްސަލް މުބާރާތް މާދަމާ ފަށަނީ!

މުޙައްމަދު އަހުމަދު
Feb 14, 2022

ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ފަސްކުރަން ނިންމި ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން ބާއްވާ ޒިގްޒެގް އިންޓަރ-އޮފީސް ފުޓްސަލް މުބާރާތް މާދަމާ ފެށުމަށް ޒިގްޒެގުން ތައްޔާރުވެއްޖެ އެވެ.

މުބާރާތުގައި ކުރިން ބައިވެރިވެފައިވަނީ 14 ޓީމެވެ. އެއީ ޕޮލިސް ކުލަބް، އިމިގްރޭޝަން، އާރްޑީސީ، ސީއާރްސީ، ކޭޕީއެލް، އުރީދޫ، އެސްޓީއޯ އާރްސީ، ކޭސީސީ އާރްސީ، ދިރާގު، ކުލަބް ކޭއާރުއެޗް، އަފީފުއްދީން އެސްއާރްސީ، އައިބީއެމް، އާރްއޭސީއެލް އަދި ޓީމް ފެނަކަ އެވެ. އެހެންނަމަވެސް ފަހުން ދެޓީމަކުން ވަނީ އަމިއްލަ ސަބަބުތަކާހުރެ ނަން ނަގާފައި ކަމަށް ޒިގްޒެގުގެ އޮފިޝަލަކު ކޭއޯއަށް ވާހަކަދައްކަމުން ވިދާޅުވި އެވެ. އެއީ އައިބީއެމް އަދި އިމިގްރޭޝަނެވެ. އެހެންކަމުން މިހާރު ހިމެނެނީ ޖުމްލަ 12 ޓީމެވެ.

ޒިގްޒެގް ފޯ ޔޫތް ލިންކޭޖުން އިންތިޒާމުކޮށްގެން ބާއްވާ އޮފީސް ފުޓްސަލް މުބާރާތް މިއަހަރުގެ ފެބްރުއަރީ 15 ގައި ބޭއްވުމަށް ތައްޔާރުވެފައިވާއިރު މިމުބާރާތް އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރު އެވެ. ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މިމުބާރާތް ބާއްވާއިރު ފުރަތަމަ ބާއްވަން ނިންމީ 1 ފެބްރުއަރީގަ އެވެ. އެހެންނަމަވެސް އެފަހަރު ކޮވިޑް ކޭސްތައް ކުޅުދުއްފުށީގައި އިތުރުވެ ކުޅުދުއްފުށި މޮނިޓަރިންއަށް ލުމާއެކު އަނެއްކާވެސް ފަސްވެފައި މިހާރު ވަނީ މާދަމާ ފަށަން ތައްޔާރުވެފަ އެވެ.

މިއީ ޒިގްޒެގުން ބާއްވާ މީގެ 8 ވަނަ މުބާރާތެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކޭޕީއެލް ބަލިކޮށް ދިރާގެވެ.

މިފަހަރުގެ މުބާރާތުގެ ގުރުއަތުލުން ހޮނިހިރު ދުވަހު ބޭއްވިއިރު 12 ޓީމު ހިމެނޭތީ ބެހީ 3 ގްރޫޕަކަށެވެ. އެއީ ގްރޫޕެއްގައި ހަތަރު ޓީމެވެ. އެގޮތުން ގްރޫޕް 1 ގައި ހިމެނޭ ޓީމުތަކަކީ ކޭޕީއެލް، ޕޮލިސް، އުރީދޫ އަދި ފެނަކަ އެވެ. ގްރޫޕް ބީގައި ހިމެނެނީ ދިރާޣު، ކޭސީސީ އާރްސީ، އާރްޑީސީ އަދި ސީއާރްސީ އެވެ.

ގްރޫޕް 3 ގައި ހިމެނެނީ އެސްޓީއޯ، ކޭއާރުއެޗު، އަފީފުއްދީން އެސްއާރުސީ އަދި އާރްއޭސީއެލް އެވެ. މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ރޭގަނޑުގެ ވަގުތުގަ އެވެ.

މިއަހަރު މިމުބާރާތް ބޭއްވުމަށް ތައްޔާރުވެފައިވާއިރު ޒިގްޒެގުން ހާމަކުރާ ގޮތުގައި މިމުބާރާތަކީ ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހު އާލާކުރުމާއިއެކު ފުޓުސަލްއަށް ޝައުގުވެރި ކުރުވުމެވެ. އަދި މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު ސަރުކާރުގެ އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް ހޯދައިދިނުމާއި ސަރުކާރުގެ އޮފީސް / ކުންފުނިތަކުގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުމަކީ މިމުބާރާތުގެ މަގްސަދުކަމަށް ޒިގްޒެގުން ހާމަކުރެ އެވެ.

މިމުބާރާތަކީ ކުޅުދުއްފުށީގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާއިރު މިމުބާރާތަށް ބޮޑު ހޭދައެއްކޮށް ދުރާލާ ޓީމުތަކުން ތައްޔާރުވާކަން ޒިގްޒެގުން ބުނެ އެވެ. މުބާރާތުގެ ގަވާއިދަށް މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް، ކުޅިވަރުގެ ރޫހާ ހިލާފު ނުވާގޮތުގެ މަތިން ވަރަށް ފޯރިއާއެކު މުބާރާތް ނިންމާލުމަކީ ޒިގްޒެގުގެ ވަރަށް ބޮޑު އެދުމެކެވެ.

މާދަމާ މިމުބާރާތް ފަށާއިރު ފުރަތަމަ މެޗުގައި މާދަމާ 8:15 ގައި ބައްދަލުކުރާނީ ކޭޕީއެލްއާއި ޕޮލިހެވެ. 9:15 ގައި އުރީދޫއިން ފެނަކައާއި ދެކޮޅަށް ނުކުންނައިރު 10:15 ގައި ބައްދަލުކުރާނީ ދިރާގާއި ކޭސީސީ އާރްސީ އެވެ. މުބާރާތުގެ ފައިނަލު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355