ކުޅުދުއްފުށި ޕޯޓް ލިމިޓެޑް (ކޭޕީއެލް)އާއި ޕޮލިސް ކުލަބް ބައްދަލުކުރި މެޗުން ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓް ރޭ ފަށައިފި އެވެ.
މިއީ ޒިގްޒެގުން ބާއްވާ މީގެ 8 ވަނަ މުބާރާތެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކޭޕީއެލް ބަލިކޮށް ދިރާގެވެ.
މިފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ ކޭޕީއެލްއާއި ޕޮލިހެވެ. މިމެޗުގައި ކޭޕީއެލުން ވަނީ 4 - 0 ގެ ނަތީޖާއަކުން ފަސޭހަކަމާއެކު ޕޮލިސް ބަލިކޮށްފަ އެވެ. މެޗުގައި ކޭޕީއެލްއަށް ފުރަތަމަ ލަނޑެއް ޖަހައިދީ ލީޑު ނަގައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 9 ސިނާން އިބްރާހިމް އެވެ.
ކޭޕީއެލްގެ ދެވަނަ ލަނޑު މެޗުގެ 29 މިނެޓުގައި އެޓީމުގެ ޖޯޒީ ނަމްބަރު 4 ނާއިހް މުފީދު ޖަހައިދިންއިރު ތިންވަނަ ލަނޑު ޖަހައިދިނީ ޖޯޒީ ނަމްބަރު 13 މުހައްމަދު މަދީހު އެވެ. އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 3 އަލީ މާއިސް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކޭޕީއެލްގެ ޖޯޒީ ނަމްބަރު 3 އަލީ މާއިސް އެވެ.
ރޭގެ ދެވަނަ މެޗުގައި ރޭ 9:15 ގައި ބައްދަލުކުރީ އުރީދޫ އާއި ޓީމް ފެނަކަ އެވެ. ދެޓީމުން ވެސް މޮޅު ކުޅުންތެރިންތަކެއް ފެނިގެންދިޔަ މިމެޗު 2 - 0 ން ކާމިޔާބުކުރީ އުރީދޫއިންނެވެ. މެޗުގައި އުރީދޫގެ ލަނޑުތައް ޖަހައިދިނީ ޖޯޒީ ނަމްބަރު 11 މުހައްމަދު ރިފްޝާނާއި ޖޯޒީ ނަމްބަރު 10 ޖުމައިލް ޖަމީލް އެވެ.
މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އުރީދޫ ޓީމުގެ ޖޯޒީ ނަމްބަރު 20 ސައްމޫން މުހައްމަދެވެ.
ރޭގެ ފަހު މެޗުގައި ކޭސީސީއާރްސީއާއި ދިރާގު ބައްދަލުކުރި މެޗު 5 - 0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކުރީ ދިރާގުންނެވެ.
މިމެޗުގައި ދިރާގުގެ ޖޯޒީ ނަމްބަރު 20 އަސްވަދު ރަޝީދު (އަސްލޭ) ދެލަނޑު ޖަހައިދިންއިރު ޔާމިން މުހައްމަދު ވެސް ވަނީ ދެލަނޑު ޖަހާފަ އެވެ.
އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 22 ހުޒައިފަތުﷲ އިބްރާހީމް އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދިރާގުގެ ޖޯޒީ ނަމްބަރު 10 ޔާމިން މުހައްމަދެވެ.