twitterviber whatsapp telegramfacebookyoutube instagram
28th April 2024

ދިރާގުން ރާއްޖެ ސުޕާ ހައިވޭ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލަނީ

Feb 21, 2022

ދިރާގުން ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއްހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް ޢަމަލީގޮތުން ފަށައިފިއެވެ.

ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަނގު ޔޫރަޕާ ގުޅާލެވޭ މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމް އާއި ރާއްޖެ ހިމެނޭގޮތަށް 11 ގައުމެއް ގުޅާލުމަށް ހަމަޖެހިފައިވެއެވެ. ސިންގަޕޫރުން ފެށިގެން ފްރާންސް އާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025 ވަނަ އަހަރުގެ ފުރުތަމަ ކުއާޓަރއަށް ނިމޭނެއެވެ.

ދިރާގުން ބުނީ ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީ.ބީ.ޕީ.އެ.ސް ގެ ސްޕީޑް ޓްރާންސްމިޓް ކުރެވޭނެ ވަރުގެ ސަބްމެރިން ކޭބަލް ސިސްޓަމެކެވެ. މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝީއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖު ތަކަށް ދިރާގުގެ ނެޓްވަރކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުން ބުނީ މި މިމަޝްރޫޢުގެ ސަބަބުން ވިޔަފާރި ތަކަށާއި ކަސްޓަމަރުންނަށް ލިބިގެންދާ މުޢާސަލާތީ އަދި ޑިޖިޓަލް ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އަންނަން އޮތް ޖީލުތަކަށް އިތުރު ފުރުސަތުތައް ފަހިވެ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމު ތަކެކޭ އެއްފެންވަރެއްގައި ރާއްޖޭގެ މުއާސަލާތީ ޚިދުމަތް ދެމެހެއްޓުމުގެ މަގުފަހިވެގެންދާނެއެވެ.

ޑިޖިޓަލް ޚިދުމަތްތަކަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއްލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ. އަދި މިއީ ރާއްޖެގައި އިންވެސްޓުކުރާ ވިޔަފާރިތަކަށްވެސް އިތުބާރާއި ޔަގީންކަން ލިބިގެންދާނެކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ ދިރާގުން މަސައްކަތްކުރަމުންދަނީ 5ޖީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ވާރޗުއަލް ރިއާލިޓީ ފަދަ ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށެވެ.

ދިރާގުގެ ސީ.އީ.އޯ އަދި އެމް.ޑީ. އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި މިއީ ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި ޙާސިލްކުރެވުނު މުހިއްމު ލަނޑުދަނޑިއެއްކަމަށާއި އަދި މި އިންވެސްމެންޓްގެ ސަބަބުން ދިރާގުގެ ކަސްޓަމަރުންނަށާއި އަދި މުޅި ގައުމަށްވެސް ގިނަ ފައިދާތަކެއް ކުރާނެކަމުގައި ވިދާޅުވިއެވެ.

ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލް ތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަނުން، އިންޓަރނެޓް ގެ ސްޕީޑް އާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެކަން އެމްޑީ ވެސް ފާހަގަ ކުރެއްވެވިއެވެ.

ދިރާގުން ބުނީ ދިރާގަކީ ކަސްޓަމަރުން ބޭނުންކުރައްވަމުންދާ ދިރާގުގެ ޑިޖިޓަލް ޚިދުމަތްތަކުން ލިއްބައިދޭ ފަސޭހަތަށް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށް ވެސް އެކުންފުނިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355