twitterviber whatsapp telegramfacebookyoutube instagram
18th April 2024

މިމަހުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ޚަދީޖާ އާދަމް
Feb 23, 2022

މިހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފެބްރުއަރީ 21 ވަނަ ދުވަހާއި ހަމައަށް 109،976 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ 241،749ށް އަރާފައެވެ. ފާއިތުވި ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 131،764 ފަތުރުވެރިންނެވެ. މިހާރު އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް 5،237 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އަދި އެވްރެޖްކޮށް 8 ދުވަހުގެ މުއްދަތަކަށް މި ފަތުރުވެރިން ރާއްޖޭގައި މަޑުކުރެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފަތުރުވެރިކަން ވަނީ ރަނގަޅުވެފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 92،103 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހު 131،764 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔައަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރީ 164،395 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 15.7 އިންސައްތަ ހިއްސާކުރަނީ ރަޝިޔާ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުން ކަމަށްވާއިރު، އެގައުމުން 11.4 އިންސައްތަ ހިއްސާކުރެއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 8.6 އިންސައްތައަކީ އިންޑިއާ ފަތުރުވެރިންނެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ އަހަރުކަމަށް ވާއިރު، ބޭރު ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.3 މިލިއަން ފަތުރުވެރީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355