twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކައުންސިލްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ފަށައިފި

ޚަދީޖާ އާދަމް
Feb 26, 2022

ކައުންސިލްތަކުގެ ފެންވަރާއި ހިދުމަތް ރަގަޅުކުރުމަށް ކައުންސިލްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާތާ 11 އަހަރު ފުރުމުގެ މުނާސަބަތުގައި އިމްރާން މިއަދު ދެއްވި ހިތޯބުގައެވެ. އެގޮތުން "މައި ކައުންސިލް" ގެ ނަމުގައި އެޕެއް އުފެއްދުމުގެ މަސައްކަތް އެލްޖީއޭ އިން މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ މަސައްކަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ ހިތޯބުގައި ވިދާޅުވީ ކައުންސިލްތަކުގެ ފެންވަރު ރަގަޅުކޮށް ކައުންސިލްތަކުގެ މެދުގައި ވާދަވެރި ރޫހެއް އުފެއްދުމަށް 2015 ވަނަ އަހަރުން ފެށިގެން އުފައްދާފައިވާ ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސް އިން ރަގަޅު ނަތީޖާ ހޯދާ ކައުންސިލްތަކަށް ހާއްސަ އެވޯޑެއް ވެސް ދެމުން އަންނަ ކަމަށެވެ. އެގޮތުން 2019 އަދި 2020 ވަނަ އަހަރު ރަގަޅު ނަތީޖާ ނެރުނު ކައުންސިލްތަކަށް މިދިޔަ ބުރާސްފަތި ދުވަހު އެވޯޑު ހަވާލުކޮށްފައި ވާނެ ކަމަށް ވިދާޅުވި އެވެ.

ފާއިތުވި އަހަރު ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު ކައުންސިލްތަކުގެ ހިންގުމަށް ގެނެވުނު ބަދަލުތައް އިމްރާންގެ ހިތޯބުގައި ފާހަގަކުރެއްވި އެވެ. އެގޮތުން ރަށްރަށުގެ ބިންތަކުގެ މިލްކުވެރިކަން ކައުންސިލްތަކަށް ދީފައިވާ ކަމަށާއި، މާލީ ފުދުންތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ އާމްދަނީން ވަކި ޕަސެންޓެއް ކައުންސިލްތަކަށް ހާއްސަކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ގާނޫނު އިސްލާހު ކުރުމާއެކު މާލީ ބާރުވެރިކަން ދިނުމުގެ ގޮތުން، ބަޖެޓް ބޮޑު ކުރުމަށް ފަސް ޕަސެންޓް އާމްދަނީ އަދި ބިމު ކުލީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބިދޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އަދި ފަސް މިލިއަނަށް ވުރެ ކުދި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ކައުންސިލްތަކުން ހިންގާ ގޮތަށް ހަމަޖައްސައިދީފައިވެ އެވެ.

މުނިސިޕަލް ހިދުމަތްތަކުން ލިބޭ އާމްދަނީ ސީދާ ކައުންސިލަށް ދިނުމާއި، ރަށުގެ ބިން ކުއްޔަށް ދީގެން ލިބޭ އާމްދަނީގެ 100 ޕަސެންޓް ސީދާ ކައުންސިލްތަކަށް ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355