twitterviber whatsapp telegramfacebookyoutube instagram
25th April 2024

އީމާންގެ އެލަވަންސް އެ އާއިލާ އަށް ދޭން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި

Mar 2, 2022

ހުޅުމާލޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓުގައި ނިޔާވި އައިމިނަތު އީމާނަށް ކޮންމެ މަހަކު ކައުންސިލުން ދޭންޖެހޭ 5،000 ރުފިޔާގެ އެލަވަންސް އޭނާގެ އާއިލާ އަށް ދޭން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ހުޅުމާލޭގެ ނިރޮޅުމަގުގައި ހިނގި އެކްސިޑެންޓުގައި ސައިކަލާއެކު ބަމްޕަރެއް މައްޗަށް ވެއްޓި އީމާންގެ ބޮލަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވީ އިއްޔެ ހެނދުނެވެ.

މިއަދު އޮތް މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 42 ވަނަ ރަސްމީ އާއްމު ޖަލްސާގައި، އީމާންގެ އާއިލާ އަށް ކޮންމެ މަހަކު 5،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ ޕީޕީއެމްގެ ކައުންސިލް މެމްބަރު ނަހުލާ އަލީ އެވެ.

އޭނާ ވިދާޅުވީ ކުއްލި ގޮތަކަށް ދައުރުގެ ކުރީކޮޅު އީމާން ނިޔާވިއިރު، އޭނާގެ ހަ އަހަރާއި ހަތް އަހަރުގެ ދެ ކުދިން އެބަތިބި ކަމަށެވެ. އެހެންކަމުން މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މި ފަސް އަހަރުގެ ދައުރު ނިމެންދެން އެ އާއިލާއަށް 5،000 ރުފިޔާ ގެ އަލަވަންސެއް ދިނުމަށް ނަހުލާ އެދިވަޑައިގަތެވެ. ކައުންސިލުގެ 17 މެމްބަރުންގެ އިއްތިފާގުން ނިންމީ މެދުކެނޑުމެއް ނެތި އެ ފައިސާ އީމާންގެ އާއިލާ އަށް ދިނުމަށް ސަރުކާރަށް ހުށަހެޅުމަށެވެ.

މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ އީމާނަށް ލިބެމުން ދިޔަ 5،000 ރުފިޔާގެ އެލަވަންސް މެދުކެނޑުމެއްނެތި ފަސް އަހަރު ނިމެންދެން ދިނުމަށް ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އަށް ވެސް ހުށަހަޅުއްވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355