އުތުރުގެ ޗެމްޕިއަން ހޮވާ ޓެކާސް މޯލްޑިވްސް ކަޕްގެ ފުރަތަމަ ސެމީގައި ޒޯން 1 ގެ ތަށި ހިއްލާލި ކުޅުދުއްފުއްޓާއި ރ. ދުވާފަރު ވާދަކުރަން ޖެހިއްޖެ އެވެ. މިމެޗުގައި ދެޓީމުން ވެސް ގަދަ ހިފުމަކަށްދާނެއިރު މިމެޗުން މޮޅުވާ ބަޔަކަށް މުޅި އުތުރުގެ ޗެމްޕިއަންކަން ލިބޭނެ އެވެ.
އުތުރުގެ ޗެމްޕިއަނަށް ވުމުގެ އިތުރުން މިމެޗުން މޮޅުވާ ޓީމު ޓެކާސް މޯލްޑިވްސް ކަޕްގެ މުޅި މުބާރާތުގެ ފައިނަލަށްދާނެ އެވެ. އެފައިނަލުގައި އުތުރުގެ ޗެމްޕިއަނުން ނުކުންނާނީ ދެކުނުގެ ޗެމްޕިއަނުންނާ ދެކޮޅަށް މުޅި ރާއްޖޭގެ ޗެމްޕިއަންކަން ހާސިލް ކުރާށެވެ،
މިރޭ އުތުރުގެ ބޮޑު ފައިނަލު ނުވަތަ މުޅި މުބާރާތުގެ ސެމީގައި ކުޅުދުއްފުށިން ނުކުންނާނީ ދުވާފަރާ ދެކޮޅަށެވެ. އަތޮޅު ބުރުގެ ފައިނަލުގައި 4 - 2 ން ހަނިމާދޫ ބަލިކޮށް ޒޯން 1 ގެ ފައިނަލުގައި ނ. މާފަރު ޕެނަލްޓީން ބަލިކޮށް ކުޅުދުއްފުށި މިހާ ހިސާބަށް ދަތުރުކުރިއިރު ކުޅުދުއްފުށިން މިމުބާރާތުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ހާއްސަކޮށް ހދ ގެ ކިންގް އަހްމަދު ދާއޫދު (ޑޭވިޑް) އަދި ކުޅުދުއްފުށީގެ ހުނަރުވެރި ޒުވާން ކީޕަރު މާހީގެ ކުޅުން ފާހަގަކޮށްލެވެ އެވެ.
ރ އަތޮޅުން ހަމައެކަނި ބައިވެރިވި ޓީމުގެ ގޮތުގައި ޒޯން 2 ގެ ބްލޮކް 1 ގެ ފައިނަލަށް ދަތުރުކޮށް ފުޓްބޯޅައާއި ފުޓްސަލްގެ ގަދަބާރު ބ. އޭދަފުށި ކަޓުވާލާ ޒޯން 2 ގެ ފައިނަލަށް ދުވާފަރުން ދަތުރުކުރި އެވެ. އަދި ޒޯން 2 ގެ ފައިނަލުގައި ޕެނަލްޓީން ޅ. ނައިފަރުގެ މައްޗަށް ކުރިހޯދާ ދުވާފަރުން މިވަނީ އުތުރުގެ ފައިނަލާއި ހަމައަށް އައިސްފަ އެވެ.
ދުވާފަރުގެ ކުޅުންތެރިންގެ ތެރެއިން އެޓީމުގެ އިސްކޮޅުން ކުރު އެހެންނަމަވެސް ފުޓްސަލްގައި އާދަޔާހިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖުމާންގެ ކުޅުމާއި ދުވާފަރުގެ ކީޕަރުގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވެގެން އައިސްފައިވެ އެވެ. ޖުމާންއަށް މިމުބާރާތުގައި ވަނީ "ލިޓްލް ޖަޔަންޓް"ގެ ލަގަބް ލިބިފަ އެވެ. ބެލުންތެރިންނާއި އިންތިޒާމުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ކުޑަ ނަމަވެސް މިމެޗުގައި ކުޅުދުއްފުށީގެ ޑިފެންސަށް އެންމެ އުދަނގޫ ވާނީ ޖުމާން ހިފަހައްޓާށެވެ.
މެޗުގެ ކުރިން ކޭއޯއާ ވާހަކަދައްކަމުން ޓީމް ކުޅުދުއްފުށީގެ ކޯޗު ސިނާން އިބްރާހިމް ވިދާޅުވީ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެސް މިމެޗަށް ނުކުންނަނީ މިމެޗަކީ ވަރަށް ސީރިއަސް މެޗެއްގެ ގޮތުގައި ދެކިގެންކަމަށެވެ. ސިނާން ބުނިގޮތުގައި ކުޅުދުއްފުށީން މިމެޗަށް އަންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން ކަމަށާއި އެންމެ ފަހުގެ ޕްރެކްޓިސްތަކުގައި ވެސް ޓީމް ވަރަށް ރަނގަޅަށް ޕާފޯމްކޮށްފައިވާ ކަމަށެވެ.
އިރާދަކުރެއްވީތީ އިންޖަރީގެ މައްސަލައެއްވެސް ނެތްކަން ސިނާން ފާހަގަކުރި އެވެ. ދުވާފަރު ޓީމާ ބެހޭގޮތުން ސިނާން ބުނީ އިދިކޮޅުން ކުޅެން ޖެހިފައި މިއޮތް ދުވާފަރު ޓީމަކީ ވަރަށް ހަލުވި ކުޅުންތެރިންތަކެއް ހިމެނޭ ޓީމް ވޯކް ރަނގަޅު ޓީމެއް ކަމަށެވެ. ވަރުގަދަ އޭދަފުށި ބަލިކޮށް މިހާހިސާބަށް ދުވާފަރުން އައުމުން ވެސް އެޓީމުގެ ފެންވަރު ސާބިތުވެގެން ހިނގައްޖެ ކަމަށް ސިނާން ބުނެފައިވެ އެވެ.
އިދިކޮޅު ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ވަރަށް ސަމާލުވާންޖެހޭނެކަން ފާހަގަކުރަމުން ސިނާން ބުނީ ހާއްސަކޮށް ދުވާފަރުގެ ޖުމާން އަކީ ވަރަށް ނުރައްކާ ކުޅުންތެރިއެއް ކަމަށެވެ.
މިމުބާރާތުގައި މިރޭ ކުޅުދުއްފުއްޓާއި ދުވާފަރު ބައްދަލުކުރާ މެޗު ފަށާނީ ރޭގަނޑު 08:30 ގައި ބ. ދަރަވަންދޫ ޓާފް ދަނޑުގަ އެވެ. މިމެޗު ޓެކާސް ފޭސްބުކް ޕޭޖުން ލައިވްކުރާނެ އެވެ.