ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ ފެމެލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުން އިސްނަގައިގެން ދިއްދޫގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބާއްވަން ނިންމައިފި އެވެ.
މިމުބާރާތަކީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ހއ ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން އިސްނަގައި ދިއްދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި ގުޅިގެން މަސްވެރިކަމަށް ލޯބިކުރާ ޒުވާނުންނާއި ހާއްސަކޮށް އަންހެނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މިމުބާރާތުގެ މަގުސަދަކީ މަސްވެރިކަމަށް ޝައުޤްވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި "މަސްވެރިކަމުގެ" ރޫހު އާލާކުރުމާއި މިހާރަށް ވުރެއް ބޮޑަށް ކަނބަލުން އެކިއެކި ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ޝައުގުވެރިކަން އުފެއްދުންކަމުގައި އެ ސެންޓަރުން ބުނެ އެވެ.
މިމުބާރާތުގައި ބައިވެރިވެފައިވަނީ 6 މުއައްސަސާއަކުންނެވެ. އެއީ ހއ ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރާއި، ހއ އަތޮޅު ކައުންސިލާއި، ހއ ދިއްދޫ ކައުންސިލާއި، ހއ އަތޮޅު ހޮސްޕިޓަލާއި ، ހއ ދިއްދޫ ޕޮލިސްޓޭޝަންގެ ޓީމް އަދި ހއ ދިއްދޫ ފެނަކަ ކޯޕަރޭޝަން ޓީމެވެ.
މިމުބާރާތް ކުރިއަށްދާނީ މިއަދު 16:15 އިން 20:30 އަށެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަ ތަކުގެ ތެރޭގައި އެއްވަނަ ޓީމް، ދެވަނަ ޓީމް އަދި އެންމެ ބަރުމަސް ބޭނި ކަނބަލު ހޮވުމަށް ވަނީ ނިންމާފައެވެ.
އަދި މީގެއިތުރުން މިރޭ 9:15 ގައި ދިއްދޫ ރައްސި ގަނޑު ސަރަހަދުގައި މުއައްސަސާތަކުން ބައިވެރިވެގެން ބޭނި މަސްތަކުން ބާބަކިޔުއެއް ކުރިޔަށްގެންދާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ: “Gender equality today for a sustainable tomorrow”
މި ޝިއާރަކީ މޫސުމީ ބަދަލުތައް ކުޑަކުރުމާއި ދެމެހެއްޓެނެވި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ ގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކުރަމުންގެންދާ އަގުހުރި، ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި ދެމެހެއްޓެނެވި މުސަތަގުބަލަ ކަށް ވާސިލުވުމަށް މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.