ކުޅުދުއްފުށީގައި ބާއްވާ ހިޔަލަ އެކްސްޕޯގައި ބައިވެރިވި މީހުން އަދަދު މިއަހަރު އިތުރުވެއްޖެ އެވެ. އަންހެނުންނަށް ހާއްސަކޮށް ކުރިއަށްގެންދާ މި މައުރަޒު އޮންނާނީ އަންނަ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހު އެވެ.
މިއީ ބައިނަލްއަޤްވާމީ ގެވެށި މަސައްކަތްތެރީންގެ ދުވަހާއި ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މައުރަޒެކެވެ.
ކުޅުދުއްފުށީ ބިޒްނަސް ސެންޓަރުން ވިދާޅުވީ، މިއަހަރުގެ ހިޔަލަ އެކްސްޕޯއަށް މިދިޔަ އަހަރުތަކާ އަޅާ ބަލާއިރު ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. މިއަހަރުގެ އެކްސްޕޯގައި ބައިވެރިވުމަށް ހުޅުވާލީ ހދ އަދި ށ އަތޮޅުގެ ރަށްތަކަށެވެ.
އެގޮތުން މިއަހަރުގެ އެކްސްޕޯގައި ޖުމްލަ 7 ރަށަކުން 48 ފަރާތްތަކުން ބައިވެރިވެފައިވާކަމަށް ހދ ބިޒްނަސް ސެންޓަރު މައުލޫމާތުދެއްވަ އެވެ.
ކަނބަލުންގެ އުފެއްދުންތެރިކަން ދައްކާލުމުގެ މި މައުރަޒުގައި ހިމެނޭ އުފެއްދުންތަކުގެ ތެރޭގައި ކާބޯތަކެތީގެ ތަފާތު ބައިތައް (ހެދިކާ، ލުއި ކާނާގެ އިތުރުން ތަފާތު ވައްތަރުގެ ޑިޝްތައް) ކޭކް، ޕޭސްޓްރީގެ ބާވަތްތައް، އަތްތެރި މަސައްކަތުގެ ބާވަތްތައް (ރޯނު، ކަސަބު، ކީޗެއިން، ކެންވަސް ކުރެހުން) އަދި އަންނައުނުގެ ބާވަތްތައް، ބޭޑް ޝީޓްގެ ބާވަތްތައް، އަދިވެސް މިނޫން ތަފާތު ތަކެތި ހިމެނޭނެ އެވެ.
މި މައުރަޒު އޮންނާނީ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހު، ހެނދުނު 09:00 - 17:00 އަށެވެ. އެކްސްޕޯއަށް ޒިޔާރާތްކުރާ ފަރާތްތަކަށް ގުރުއަތުން ތަފާތު ހަދިޔާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. މި އެކްސްޕޯ އޮންނާނީ ޖަލާލުއްދީން ސްކޫލް ހޯލުގަ އެވެ.