ކުޅުދުއްފުށީގައި ބާއްވާ 'ހިޔަލަ މައުރަޒު' ހުޅުވައިފި އެވެ. މި މައުރަޒު ހުޅުވައިދެއްވީ މަޝްހޫރު ފެހުންތެރިޔާ ޖުވޭރިޔަތު ހަސަނެވެ.
މިއީ ބައިނަލް އަޤްވާމީ ގެވެށި މަސައްކަތްތެރީންގެ ދުވަހާއި ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ބާއްވަމުން އަންނަ މައުރަޒެކެވެ.
އަންހެނުންގެ އުފެއްދުންތަކަށް ހާއްސަ މި މައުރަޒުގައި ހދ އަތޮޅާއި ށ އަތޮޅުގެ ޖުމްލަ 5 ރަށަކުން 41 އަންހެނުން ބައިވެރިވި އެވެ. މި މައުރަޒު މިއަދާއި މާދަމާ ކުރިއަށްދާނެ އެވެ.
މައުރަޒުގައި ވިއްކުމަށާއި ޖަޖްކުރެވޭނެ ދާއިރާތައް:
- ގިނަ ދުވަހު ބެހެއްޓޭ / ބަންދުކޮށްފައިވާ ތައްޔާރީ ކާނާ.
- ފެހުމުގެ ބާވަތްތައް / ފޮތިން ހަދާފައިވާ ތަކެތި.
- ކޭކު / ޕޭސްޓްރީސް.
- އަތްތެރި މަސައްކަތުގެ އެހެނިހެން ބާވަތްތައް.
- ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަކެތި.
މައުރަޒުގައި ތަކެތި ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ތަކެތި ލިބެން ހުންނާނީ 29 ވަނަ ދުވަހުގެ މެންދުރުފަހު 14:00 - 18:00 އަށް، އަދި 20:00 - 23:00 އަށެވެ. ހޮނިހިރުދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 09:00 - 12:00 އަށް އަދި 14:00 - 17:00 އަށެވެ.
މި މައުރަޒުގައި ޖުމްލަ 24 ސްޓޯލެއް އެބަހުއްޓެވެ. މިތަނުގައި ތަފާތު ވައްތަރުގެ ކާބޯތަކެއްޗާއި ދިވެހި ފެހުންތެރިންގެ އުފެއްދުންތަކާއި ލަކުޑީގެ މަސައްކަތްތައް ގަންނަ ލިބެން އެބަހުއްޓެވެ.