ކުލަބް ހިރަފުހުން އިންތިޒާމުކޮށްގެން ބާއްވާ ފޯރިގަދަ ހިރަފުސް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2022 ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިމުބާރާތަކީ ހިރަފުހުން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ އިންޓަރ އޮފީސް ފުޓްސަލް މުބާރާތެވެ.
ހިރަފުހުން ބާއްވާ ދެވަނަ އޮފީސް ފުޓްސަލް މިމުބާރާތަށް މިމުބާރާތްވާއިރު މީގެކުރިން މިމުބާރާތް ބޭއްވީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ތަށި ހިއްލާލީ ޕޮލިސް ބަލިކޮށް ކޭޕީއެލުންނެވެ.
މާދަމާ ރޭ ފުރަތަމަ ކުޅެވޭނީ ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ކޭއާރުއެޗާއި ޔުނީކް ފްރެންޑްސް ބައްދަލުކުރާ މެޗެވެ. އެހެންނަމަވެސް މާދަމާ ރޭ 21:30 ގައި ކުޅެވޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެސްޓީއޯއާއި އައިބީއެމް އެވެ. އެމެޗު ވެގެންދާނީ ހިރަފުސް އޮފީސް ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗަށެވެ.
ކޮންމެ ރެއަކު ވެސް 3 މެޗު ކުޅެވޭއިރު ފުރަތަމަ މެޗުގައި ކުޅެވޭނީ ކަނބުލޮ ފުޓްސަލް ޗެލެންޖުގެ މެޗެވެ. އެހެންނަމަވެސް ފަހު ދެމެޗަކީ އޮފީސް ފުޓްސަލް މުބާރާތުގެ ދެ މެޗެވެ. މާދަމާ ރޭ ފަހު މެޗުގައި ބައްދަލުކުރާނީ ކޭއާރުއެޗާއި އަފީފުއްދީން އެސްއާރުސީ އެވެ.
ހިރަފުސް އޮފީސް ފުޓްސަލް ޗެލެންޖު 2022 ގައި މިފަހަރު ބައިވެރިވެފައިވަނީ 14 ޓީމަކުންނެވެ. އެހެންކަމުން މިމުބާރާތް ކުޅެވޭނީ 3 ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ އެސްޓީއޯ، އައިބީއެމް، ކޭސީޕީގެ އިތުރުން ކުލަބް ކޭއާރުއެޗާއި އެމްއެންޑީއެފެވެ.
ގްރޫޕް ބީގައި ހިމެނެނީ ކޭއާރުއެޗާއި އޭއެފްއެސް އެސްއާރުސީގެ އިތުރުން ކޭސީސީ އާރްސީއާއި ކަސްޓަމްސްގެ އިތުރުން ކޭޕީއެލް އެވެ. މިމުބާރާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ނަމުގައި ދެޓީމުން ވާދަކުރެ އެވެ. އަދި ގްރޫޕް ސީގައި ހިމެނޭ ޓީމުތަކަކީ އެޗްޑީކޭ، އެންއޯސީ، އޭއީސީ އަދި އާރްޑީސީ އެވެ.
ހިރަފުހުން ހާމަކުރާގޮތުގައި މިމުބާރާތުގެ މަގުސަދަކީ ކުޅުދުއްފުށީގެ މުއައްސަސާތައް ނުވަތަ ކުންފުނިތަކުގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާ އެކުވެރިކަން އާލާކުރުމުގެ އިތުރުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ފުޓްސަލް ކުރިއަށް ގެންދިއުން ކަމަށެވެ.
އަދި ކުޅުދުއްފުށީގެ މުއައްސަސާތައް ނުވަތަ ކުންފުނިތަކުގެ މުވައްޒަފުންނަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ކުޅުދުއްފުށީގެ މުއައްސަސާތައް ނުވަތަ ކުންފުނިތަކުގެ މުވައްޒަފުންގެ ޓީމްވޯކް ކުޅިވަރުގެ ތެރެއިން ރަނގަޅުކޮށްދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކުޅިވަރުގެ ތެރެއިން މުއައްސަސާތަކާއި ކުންފުނިތަކުގެ ގުޅުން ބަދަހިކުރުމަކީ ވެސް މިމުބާރާތުގެ މަގުސަދެކެވެ.