twitterviber whatsapp telegramfacebookyoutube instagram
18th May 2024

ގައުމީ އިނާމާ ބެހޭ ކޮމިޓީ އަލުން އެކުލަވާލައިފި

ނަބީލާ އިސްމާޢީލް
Mar 10, 2022

ގައުމީ އިނާމާ ބެހޭ ކޮމިޓީގެ މުއްދަތު ހަމަވުމާ ގުޅިގެން އެ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަލުން އެކުލަވައިލައްވައިފި އެވެ.

ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސަނަކަށް ހަމަޖެއްސެވީ ކުރިންވެސް އެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަނީސާ އަހްމަދެވެ.

ކޮމިޓީއަށް އަލަށް އައްޔަނު ކުރެއްވި ބޭފުޅުންނަކީ މއ. މާފުނަ މުހައްމަދު އިސްމާއީލްފުޅާއި، މއ. ކަޝްމީރުވާދީ އިބްރާހީމް ހުސައިން މަނިކާއި، މ. ދިޖުލަތު ކޯރު ހަފީޒާ އިބްރާހީމާއި، މ. އަލިހަނދުވަރުގޭ އަހްމަދު ޝުޖާއު އެވެ.

މިބޭފުޅުންގެ އިތުރުން ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ އިބްރާހީމް އިސްމާއީލް އަލީ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޯޕަރޭޓް ސާވިސް ހުސައިން އާމިރާއި، މ. މާހިޔާ ރަހީމާ އާދަމާއި، ހ. އިރުވައި އާމިނަތު ނާޒެވެ.

ސަރުކާރުން ދޭ ގައުމީ އިނާމަކީ ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ހެވާއި ލާބައަށްޓަކައި ވަކިވަކި ފަރުދުންނާއި، މިނިވަން މުއައްސަސާތަކުންނާއި، މަދަނީ އެކިއެކި ޖަމިއްޔާ، ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދިވެހި ގައުމުގެ ތަރައްގީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ދެމުންދާ އިނާމެކެވެ.

ގައުމީ އިނާމުގެ ގޮތުގައި ދެމުން ގެންދަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.

މީގެ އިތުރުން ގައުމީ އިނާމާ ބެހޭ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރުމުގެ އިނާމަށް ހުށަހަޅުއްވާ ބޭފުޅުންގެ ހިދުމަތުގެ މައްޗަށް ބަލައި، އިނާމު ދޭނެ ބޭފުޅުން ކަނޑައެޅުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355