twitterviber whatsapp telegramfacebookyoutube instagram
29th April 2025

ހަނގުރާމަ އަށް ދިޔަ އާއިލާއެއް ރާއްޖެ ގެނެސްފި

ނަބީލާ އިސްމާޢީލް
Mar 12, 2022

ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމައެއްގައި ބައިވެރިވުމަށް ފިލައިގެން ދިއުމަށް ފަހު ހާލުގައި ޖެހުނު ދިވެހި އާއިލާއެއް ރާއްޖެ ގެނެސްފި އެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނީ އިއްޔެ މާލެ ގެނައި އާއިލާގައި ހިމެނެނީ ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ 4 ދަރިންނެވެ.

އެ އާއިލާ ރިހެބިލިޓޭޓްކޮށް، މުޖުތަމައު އަށް ނެރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިއީ ހަނގުރާމަވެރި ސަރަހައްދަކުން އަނބުރާ ރާއްޖެ އަށް ގެނައި ފުރަތަމަ އާއިލާ އެވެ.

ހޯމް މިނިސްޓްރީން ބުނީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އެމީހުންގެ އަނބިންނާއި އެފަދަ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން، ހަނގުރާމާގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކާއި އެފަދަ އެހެންތަންތަނުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ ދިވެހި ސަރުކާރަށް ލިބިފައިވާކަމަށެވެ.

އެފަދަ މީހުން ނިސްބަތްވާ އާއިލާތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށާއި ސަރުކާރުގެ ކަމާގުޅުންހުރި ތަފާތު އިދާރާތަކަށް އެފަދަ ޝަކުވާ ކުރަމުންދާކަމަށް އެމިނިސްޓްރީން ބުންޏެވެ. މިފަދަ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށް ވާތީ ވޭތުވެދިޔަ ދުވަސްތަކުގައި މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށްވެސް ހޯމްމިނިސްޓްރީން ބުނެއެވެ.

އަނބުރާ ރާއްޖެ ގެނައި އާއިލާގެ މައޫލާމާތު އެ މީހުންގެ ރައްކާތެރިކަމަށްޓަކައި ސިއްރުކޮށްފައިވާ އިރު، މިނިސްޓްރީން ބުނީ ކުޑަކުދިންނާއި އަނިޔާ އަށް ހުށަހެޅިފައިވާ އަންހެނުންނަކީ ރާއްޖޭގެ ގާނޫނުތަކާއި ރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ހާއްސަ ސަލާމަތާއި ރައްކާތެރިކަން ދީފައިވާ ބައެއް ކަމަށެވެ. އެހެންކަމުން، އެފަދަ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަކޮށް ޒާތީ މައުލޫމާތު އާންމުކޮށް ފެތުރުމަކީ އެފަދަ ފަރާތްތަކުގެ އިންސާނީ ކަރާމަތަށް އުނިކަން ލިބޭނެ، ގާނޫނީ ގޮތުން ވެސް މަނާކަމެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355