ކުޅުދުއްފުށީގައި ނައިޓް މާކެޓެއް ކުރިއަށްގެންދިޔުމުގެ އެންމެ މުހިންމު މަގުސަދަކީ ކުޅުދުއްފުށީގެ އިގްތިސޯދީ ހަރަކާތްތައް އިތުރުކޮށް ރަށުގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހުޅުވާލަދިނުންކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ނައިޓް މާކެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މާކެޓްގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށީގެ އިގްތިސޯދު ވަރުގަދަކުރުން ކަމަށެވެ. އަދި ރަމަޟާންމަހާ ދިމާކޮށް މާކެޓް އިންތިޒާމުކުރުމުގެ މަގުސަދަކީ ރައްޔިތުންނަށް ހެޔޮއަގުގައި ތަކެތި ލިބޭނެ ގޮތް ފަހިކޮށްދިނުންކަމުގައި މޭޔަރު ފާހަގަކުރެއްވި އެވެ.
"ކޮވިޑާ ގުޅިގެން ވިޔަފާރިތަކަށް ވަރަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބުނު. އެހެންކަމުން ވިޔަފާރިތަކުގައި ހިފެހެއްޓިފަ ހުރި ސްޓޮކް ރޯލުކުރުމަށްވެސް މި މާކެޓަކީ މުހިންމު މާކެޓަކަށް ވެގެންދާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." މޭޔަރު އާތިފް ވިދާޅުވި އެވެ.
އަދި މިފަދަ މާކެޓްތަކަކީ، ވަކިން ހާއްސަކޮށް އިރުމަތި އޭޝިއާގެ ގައުމުތަކާއި ދެކުނު އޭޝިއާގެ ގައުމުތަކުގައި ވަރަށް އާންމުކޮށް ކުރިއަށްދާ މާކެޓްތަކެއް ކަމަށާއި މި މާކެޓްގެ ސަބަބުން ރަށުގެ އިގްތިސޯދަކީ ވަރުގަދަ އިގްތިސޯދަކަށް ހެދުމަށްޓަކާ ވިޔަފާރިތައް ވަރުގަދަ ކުރުމަކީ ނުހަނު މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.
މޭޔަރު ވިދާޅުވީ، ސިޓީ ކައުންސިލުން ނިންމާފައިވާނީ މި މާކެޓް ކޮންމެ އަހަރުވެސް ކުރިއަށްގެންދަން ކަމަށާ މިއަހަރު ތަޖުރިބާއިން އަންނަ އަހަރުތަކުގައި މިއަށްވުރެ ފުރިހަމައަށް މާކެޓް އިންތިޒާމުކުރެވިގެންދާނެ ކަމަށެވެ.
ބަންޑާރަމައިދާނުގައި ސަރަހައްދުގައި ކުރިއަށްދާ މި މާރުކޭޓް ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.