ދުޅަހެޔޮ މުޖުތަމައެއް ބިނާކުރެވޭނީ ރައްކާތެރި ދެމެހެއްޓެނިވި މުސްތަޤުބަލަކަށްޓަކައި އެ މުޖުތަމައެއްގެ ހުރިހާ ދާއިރާއެއްގައި މީންތީގެ ހަމަހަމަކަން އޮތުން ލާޒިމްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރޭ ވިދާޅުވެއްޖެއެވެ.
ފަޒްނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ފަޒްނާ ވިދާޅުވީ މުޖުތަމައުގެ އެންމެން ގުޅިގެން އަންހެނުން ބާރުވެރިކޮށް ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭކަމަށާއި އަދި ދެމެހެއްޓެނިވި ތަރައްގީއަށް އަންހެނުން ކުރަމުންގެންދާބުރަ މަސައްކަތްތައް ވެސް ފާހަގަކޮށް އެފަދަ މަސައްކަތްތަކުގެ އަގު ވަޒަންކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އަޅުގަނޑުމެންނަށް ލިބިފައިވާ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އަންހެން ކަނބަލުންގެ ބުރަ މަސައްކަތާއި ހިއްސާ ވާނެކަމަށާއި އަދި އަންހެނުންގެ ދުވަސް ފާހަގަކުރުމާއި އެދުވަހު ބޭނުންކުރާ ޝިޔާރުތަކަކީ ނަމަކަށް ބޭނުންކުރެވޭ އެއްޗަކަށް ހެދިގެންނުވާނެ ކަމަށެވެ.
އަންހެނުންގެ ދުވަހު ފޮޓޯ ނަގައިލައި، އިންސްޓަގްރާމް ކޮށްލާ، ޖަހާލާ ހޭޝްޓެގަކަށް ހެދިގެންނުވާނެކަމަށާއި އެކަން ވާންޖެހޭނީ އަޅުގަނޑުމެން އެކަމާ ދޭތެރޭ ވިސްނާ ފިޔަވަޅު އަޅައި ނަތީޖާނެރޭ ކަމަކަށް ކަމަށް ވެސް އެކަމަނާ ވަނީ ރޭ ވިދާޅުވެފަ އެވެ.
މުޖުތަމައުގައި ފާހަގަކޮށްލެވޭ އަންހެނުންގެ ތެރެއިން އަށް ކަނބަލަކަށް ވަނީ ރޭގެ ޖަލްސާގައި ވަނީ ރެހެންދި އެވޯޑް އަރުވާފަ އެވެ.