twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިރާގުގެ 33 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި

Mar 26, 2022

ދިރާގުގެ 33ވަނަ އަހަރީ ޢާންމު ޖަލްސާ ކުރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފި އެވެ. މި އަހަރުގެ ޖަލްސާ ބާއްވާފައިވަނީ 'ހައިބްރިޑް' މޮޑަލްއަކަށެވެ.

މިދިޔަ ދެ އަހަރެކޭވެސް އެއްފަދައިން މި އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވޯޓު ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ.

ދިރާގުން ބޭއްވި 33 ވަނަ އަހަރީ ޢާންމު ޖަލްސާގައި 85 ހިއްސާދާރުންނާއެކު 71,369,648 ހިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ފަސް(5) ރިޒޮލިއުޝަންއެއް ފުރިހަމަ އަގުލަބިއްޔަތުން ވަނީ ފާސްވެފައެވެ.

2021 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަށ 2.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު، %1.8 އިންސައްތަ މަތީ އަދަދެކެވެ. ކުންފުނީގެ މުހިންމު ވިޔަފާރިތަކަށް ބަލާއިރު އެންމެ ބޮޑު އާންމުދަނީއެއް ލިބިފައިވަނީ ފިކްސްޑް ބުރޯޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތުންނެވެ.

މި ކުރިއެރުމުގެ އެންމެ ބޮޑު ނަތީޖާއަކީ ރާއްޖޭގެ އިގްތިސޯދު ހީނަރުކަމުން އަރައިގަތުމުގެ ދަތުރު ފަށާފައިވުމާއި، ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވަމުން އައުމުގެ ސަބަބުންނެވެ. 2021 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 813 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު %11 މަތީ އަދަދެކެވެ.

ކުންފުނީގެ މާލީ ޙާލަތަށް ރިއާޔަތްކުރުމާއެކީގައި، ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 6.20 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބެހުމަށްވަނީ ނިންމާފައެވެ.

މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 33 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 4.13 ރުފިޔާގެ ފައިނަލް ޑިވިޑެންޑްއާއި 2022 ވަނަ އަހަރުގެ ކުރީކޮޅު އިއުލާން ކޮށްފައިވައި ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށެވެ. 2021 ވަނަ އަހަރުގެ ޑިވިޑެންޓްއަކީ 2020 ވަނަ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 1.03 ރުފިޔާ މަދުއަދަދެކެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްފަހު 2021 ވަނަ އަހަރު ވެގެންދިޔައީ ރިކަވަރީގެ އަހަރަކަށެވެ. ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ހޯދައިދިނުމަށާއި، ޑިޖިޓަލް ހަމަހަމަކަން ކުރިއަރުވާ، ޑިޖިޓަލް ފަރަގު ނައްތާލަން ގިނަ މަސައްކަތްތަކަކާއި އިންވެސްޓްމެންޓުތަކެއްވަނީ ކުރެވިފައެވެ. ގޭބިސީތަކަށް ދޭ އިންޓަރނެޓްގެ ޚިދުމަތާއި މޯބައިލް ޑޭޓާގެ އަގު ހެޔޮކުރުމަށް ސަރުކާރުން ފަށާފައިވާ "ނެޓްހެޔޮ" ސިޔާސަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، ބްރޯޑްބޭންޑް އަދި މޯބައިލް ޑޭޓާ ޕޯޓްފޯލިއޯއަށް ބޮޑެތި ހެޔޮ ބަދަލުތަކެއްވާނީ ގެނެވި އެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނީގެ މާލީ ހާލަތުވަނީ ރަނގަޅުވެފައެވެ.

ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންސް ހިދުމަތުގެ ތަރައްގީއަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، 2021 ވަނަ އަހަރު ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއްހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް ޢަމަލީގޮތުންވަނީ ފަށާފައެވެ.

ޑިޖިޓަލް ޚިދުމަތްތަކަށް ބޭނުންވެފައިވައި މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި ސަބްމެރިން ކޭބަލް ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓަރްކްޗަރ އިތުރަށް ވަރުގަދަވެ ބައިނަލްއަގުވާމީ ޑިޖިޓަލް ހަބަކަށް ވުމަށް އިތުރު ބާރެއްލިބިގެންދާނެއެވެ.

މީގެ އިތުރުން، މި ޖަލްސާގައި، އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް 84 ވޯޓާއެކު، އަލްފާޟިލް ޢަހްމަދު މުޙައްމަދު ދީދީ ވަނީ އާ ޕަބްލިކް ޑިރެކްޓަރުގެ ގޮތުގައި ބޯޑަށް އައްޔަންކޮށްފައެވެ.

ދިރާގަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޔެކެވެ. އަދި ހަމަ އެހެންމެ، ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިވެހި މުޖުތަމައު ބާރުވެރިކުރުވާ، ޑިޖިޓަލް ފަރަގު ކުޑަ ކުރެވޭނެ ގޮތްތައް ހޯދައި ދެނެގަތުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355