އޮންލައިންކޮށް ޒަކާތުގެ ފައިސާ ދައްކާ ފަރާތްތަކުން އެ މީހަކު ބޭނުންވާ ރަށަކަށް ފައިސާ ޖަމާކުރުމުގެ އިންތިޒާމް މިއަހަރު ހަމަޖައްސާފައިވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމުގައި މުދަލާއި ފައިސާއިންނާއި ކާބޯތަކެތިން ބަލައިގަންނާނެކަމަށެވެ.
އެގޮތުން މިއަހަރުގެ ފިތުރު ޒަކާތް ދެއްކުމުގައި ގެނެވުނު ބަދަލުތަކާ ގުޅިގެން ޒަކާތް ދެއްކުމުގައި ޒަކާތް ދައްކާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.
"ވަކި ރަށެއްގެ ބޭފުޅުން މާލޭގަ ހުންނަވާފަ އެބޭފުޅަކު ބޭނުންވަނީ އެބޭފުޅެއްގެ ރަށަށް ފިތުރު ޒަކާތް ދައްކަން. އެގޮތަށް އެ ރަށެއް އިހުތިޔާރު ކުރެވޭ ގޮތަށް އަޅުގަނޑުމެން މި އިންތިޒާމް މިއަހަރު ހަމަޖައްސަނީ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެހެންވުމުން އެރަށަކަށް ފައިސާ ފޯރުކޮށްދޭނެކަމަށާ މިއީ ގެނެވުނު ހެޔޮ ބަދަލެއްކަމަށް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިވަގުތު ރާއްޖޭގައި ފަގީރުންގެ ގޮތުގައި ތިބީ 9041 މީހުން ކަމަށެވެ. އޭގެ ތެރޭގައި މާލޭގެ ދަފްތަރުގައި 1796 މީހަކާއި އަތޮޅުތަކުން 7245 މީހުން ފަގީރުންގެ ގޮތުގައި އެބަތިބިކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ ކުރީގެ އަހަރުތަކުގައި ފިތުރު ޒަކާތުގެ ފައިސާ ބަލައިގަތުމުގައި ކޮންމެ ރަށަކަށް ކަނޑައަޅާފައިވާ ވަކި މިންވަރެއް ދައްކަން ޖެހެ އެވެ. ނަމަވެސް މިއަހަރު ގެނައި ބަދަލުތަކާއެކު ފިތުރު ޒަކާތް ދައްކަން ކަނޑައަޅާ މިންވަރަކީ އެއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ބަލައިގަންނަ މިންވަރުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މިއަހަރުވެސް ފިތުރު ޒަކާތުގެ ފައިސާ ދެއްކުމުގައި ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެވެސް ފަސޭހަކަމާއެކު އޮންލައިންކޮށް ޒަކާތްދެއްކޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.
އެގޮތުން އެސްއެމްއެސް މެދުވެރިކޮށް ބެންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ދިރާގު، އުރީދޫ އަދި ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.