twitterviber whatsapp telegramfacebookyoutube instagram
18th May 2024

ގައުމީ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

Mar 31, 2022

މި އަހަރުގެ ޤައުމީ އިނާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އިނާމަށް މިއަހަރުވެސް ހުޅުވާލާފައިވަނީ މައިގަނޑު 34 ދާއިރާއަކުންކަމަށެވެ. ރައީސް އޮފީހުން ބުނިގޮތުގައި ދާއިރާތަކާ ގުޅޭގޮތުން އިނާމާ ބެހޭ ކޮމިޓީގައި ވަނީ މަޝްވަރާ ކުރެވި ކަމާބެހޭ ފަރާތްތަކުގެ ހިޔާލުހޯދާފައެވެ. އެގޮތުން ހިޔާލުތަކާ މަޝްވަރާތަކުގެ މަތިން އުސޫލަށް ގެންނަން ޖެހޭ ބަދަލުތައް ވަނީ ގެނެސްފައި ކަމަށް އެ އޮފީހުން ބުނެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ވެސް ޤައުމީ އިނާމަށް ނަން ހުށަހެޅޭނެއެވެ.

ޤައުމީ އިނާމަށް ފޯމު ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޤައުމީ އިނާމާބެހޭ ކޮމެޓީއިން ވަނީ އެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އީމެއިލް މެދުވެރިކޮށް އަދި ޕޯޓަލް މެދުވެރިކޮށް ވެސް ޤައުމީ އިނާމަށް ފޯމު ހުށަހެޅޭނެއެވެ. އަދި ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޤައުމީ އިނާމަށް ހުށަހަޅާ ފޯމު ދޫކުރާނެއެވެ. މީގެ އިތުރުން ސަރުކާރުގެ އޮފީހުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން، މޭ މަހުގެ 31 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

މިދިޔަ އަހަރު 270 ފަރާތަކުން ޤައުމީ އިނާމަށް ފޯމު ހުށަހަޅާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355