ޤުރުއާނުގެ އިލްމު ކުރިއަރުވަން ގުޅިގެން ކުރެވޭ މަސައްކަތުގައި ސްކޫލުތަކާއި ޤުރުއާން ކުލާސްތަކަށް އެހީވުމަށް ތައްޔާރަށް އޮތްކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، ޤުރުއާނުގެ ފަންނުގެ އިލްމު ލިބިފައިވާ ބޭފުޅުންތަކެއް ކުޅުދުއްފުށީގައި ތިބުމަކީ ދެކޭ އުންމީދެއް ކަމަށެވެ.
މިކަންކަން ހާސިލްކުރެވޭނީ ސްކޫލުތަކާއި ޤުރުއާން ކުލާސްތައް އަދި ބެލެނިވެރިން ގުޅިގެން ކުރެވޭ މަސައްކަތުންކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، މި އަމާޒަށް ދަތުރުކުރުމަށްޓަކާ ގުޅުން ހުރި އިދާރާތަކާއެކީ ކުރެވޭ މަސައްކަތަށް އެހީވުމަށް ސިޓީ ކައުންސިލުން އެހީވުމަށް ތައްޔާރަށް ކަމަށެވެ.
"މިފަދަ އަމާޒަކަށް އަޅުގަނޑުމެން ދަތުރުކުރުމަށްޓަކާ އެންމެންވެސް ވިސްނަންވީކަމަކީ އަޅުގަނޑުމެން ހުރިހާ އެންމެން ގުޅިގެން ހިނގާށޭ މިކަންކުރަން. އަޅުގަނޑުމެން ސިޓީ ކައުންސިލުން މިކަމަށް ކުރެވޭނެ ކަންތައްތައް ހަމަ ޔަގީނުންވެސް ސްކޫލްތަކާއެކީވެސް ޤުރުއާން ކްލާސްތަކާއެކީވެސް އަޅުގަނޑުމެން މިތިބީ ކުރަން ތައްޔާރަށް." މޭޔަރު އާތިފް ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތަކީ ކުޅުދުއްފުށީގައި ޤުރުއާނުގެ ފަންނު ކުރިއަރުވާ ޤުރުއާނަށް ރައްޔިތުންގެ ހިތްތަކުގައި ލޯބި އިތުރުކޮށް މި ދާއިރާއިން މީހުން ބިނާ ކުރުމަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. މޭޔަރު ވިދާޅުވީ، މިއަހަރުގެ މުބާރާތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު ކަމަށާއި އަހަރަކަށް ވުރެ އަހަރެއް މި މުބާރާތުގެ ފެންވަރު ރަނގަޅުވަމުންދާނެކަމަށް މޭޔަރު ވިދާޅުވި އެވެ.
މި މުބާރާތުންވެސް ހުނަރުން ފުރިގެންވާ ދަރިވަރުންތަކެއް ފެނިގެންދިޔަ ނަމަވެސް މިއަދާ ހިސާބަށް އައިއިރު އެންމެ ހިތްހަމަޖެހޭ ވަރަށް ކުޅުދުއްފުށީގައި ޤުރުއާނުގެ ފަންނުވެރިން އުފެދިފަ ނެތްކަމީ ހިތާމަކުރާކަމެއްކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ. ކޮންމެ ދުވަހަކުވެސް ޤުރުއާނުން ކޮންމެވެސް މިންވަރެއް ކިޔެވުމަށް މޭޔަރު ދަރިވަރުންނަށް ނަސޭހަތްތެރިވި އެވެ.
ޤުރުއާން މުބާރާތްތަކަށް ސްކޫލުތަކުން ދޭ އަހަމިއްޔަތު މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށް ސްކޫލުތަކާއި ޤުރުއާން ކުލާސްތަކާއި މުދައްރިސުންގެ ކިބައިން މޭޔަރު އެދިވަޑައިގެންނެވި އެވެ .