އެސްޓީއޯ އިން ރާއްޖޭގައި ހެދުމަށް ނިންމާފައިވާ ފުށާއި ހަނޑުލުގެ ފެކްޓްރީ ކުޅުދުއްފުށީގައި ހެދުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެ ފެކްޓްރީ ހަދާނެ ބިން ކަނޑައަޅައި އަމަލީ މަސައްކަތް މިއަހަރު ފެށުމަށް އެސްޓީއޯއިން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފާއި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުޙައްމަދާއެކު ބައްދަލުވުމެއް ބާއްވާފައެވެ.
ފުޑް ފެކްޓްރީ ގާއިމްކުރަން ބިން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީ ޕޯޓް ސަރަހައްދުންނެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ރާއްޖޭގެ ސްޓޭޕަލް ފުޑް ފެކްޓްރީ ކުޅުދުއްފުށި ސިޓީގައި ގާއިމުވެގެން ދިއުމަކީ ކުޅުދުއްފުއްޓަށް މިވަގުތު ބޭނުންވެފައި އޮތް އިކޮނޮމިކް ޖަމްޕް ޖެހުމަށް ނުހަނުބޮޑު ފުރުސަތަކަށް ވެގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މިފަދަ ފެކްޓްރީއެއް ސިޓީގައި ގާއިމުވެގެން ހިނގައްޖެނަމަ އިޤްތިސާދީ އިތުރު ދޮރުތަކެއް ރަށުގެ ރަައްޔިތުންނަށް ހުޅުވިގެންދާނެކަމަށާއި މުޅިރާއްޖެއަށް ބޭނުންވާ ފުށާއި ހަނޑޫ ކުޅުދުއްފުށިން ސަޕްލައި ކުރަން ފެށުމުން ސީދާ ގޮތުންނާއި ނުސީދާގޮތުން ރަށުގައި ހިންގާ ވިޔަފާރިތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ދެކޭ ކަމަށެވެ.
އަދި މި ފެކްޓްރީގެ މަސައްކަތަކީ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިގެންދާ މުހިންމި މަސައްކަތެއް ކަމަށާއި އެސްޓީއޯ އިން މި ފެކްޓްރީ ގާއިމު ކުރުމަށް ކުޅުދުއްފުށި ހިޔާރުކުރުމަކީ މި ސިޓީ ވިޔަފާރީގެ ހަބެއްގެ ގޮތުގައި ތަރައްގީވުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު އުންމީދެއް ކަމަށް މޭޔަރު ވިދާޅުވި އެވެ. .