ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހދ. ނައިވާދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވަނީ ނައިވާދޫގެ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިވާދޫ ކައުންސިލަރުން ވަނީ އެރަށުގައި ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޮޑުކޮށް ތަރައްގީކުރުމާއި ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި އަތޮޅުގައި އަދި ރަށާ ކައިރި ސަރަހައްދެއްގައި ޓޫރިޒަމް ފުޅާކުރުމާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ވެސް ރަށުގެ އިޤްތިޞާދީ އިޖްތިމާއީ ތަރައްޤީއަށް މުހިންމު ކަންކަން މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ އެރަށުގެ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ކައުންސިލަރުންނާއި މަޝްވަރާކުރައްވައި މަޝްރޫއުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ.
އަދި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިހާރުން މިހާރަށް ބޭނުންވާ މިންވަރަށް އިންސާނީ ވަޞީލަތް އިތުރުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށާއި، ކައުންސިލުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ.