އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާރޓްސް އެންޑް ލޭންގްއޭޖް އިން އިންތިޒާމްކޮށްގެން 30 ދުވަހުގެ މުއްދަތަށް "އޮފީސް ދިވެހި" ގެ ނަމުގައި ހިންގި ކުރުކޯހުގައި ބައިވެރިވެ ކޯސްފުރިހަމަކުރެއްވި ބޭފުޅުންނަށް ސެޓްފިކެޓް ދިނުމުގެ ހަފްލާ މިއަދު ބާއްވައިފިއެވެ.
އެވިޑް ކޮލެޖުން ބުނީ އޮފީސް ދިވެހި ކޯހަކީ އޮފީސްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ދިވެހި ބަހުގެ ފެންވަރު މަތިކުރުމާއި ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކަށް އަހުލުވެރިކޮށް ކުށެއްނެތް ސާފު ދިވެހި ބަހުން ވާހަކަދައްކައި ލިޔުމަށް މަގު ފަހިކޮށްދީ އެކަންކަމުގެ ހުނަރާއި މައުލޫމާތު ފޯރުވައި ދިނުމުގެ ގޮތުން ކުރިއަށް ގެންދެވުނު ކޯހެކެވެ.
ކޯހުގައި ކިޔަވައ ދެވުނު ބައިތަކުގެ ތެރޭގައި ބަހަކީ ކޮބައިކަމާ ، ދިވެހިބަހަކީ ކޮބާއިކަމާ ، ބަހާ ސަގާފަތާއި ހުރި ގުޅުމާ ، ބަހުގެ ދަރަޖަތަކާ، ދިވެހިބަހުގެ ޤަވާއިދުގެ ތަފާތުބައިތަކާއި ، އޮފީސްތަކުގައި ބޭނުންކުރާ އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި ގުޅޭ ގިނަބައިތަކެއް ހިމެނެއެވެ.
ކިޔަވައިދެއްވި ދަސްވާރުންގެ ތެރޭގައި ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރގެ ޑީން އަދި ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް ޢަޝްރަފް ޢަލީ އާއި ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރާއި ، އެވިޑް ކޮލެޖްގެ ވައިސްރެކްޓަރ އަހްމަދު ފަޔާޒް ހަސަންއާއި އެވިޑް ކޮލެޖްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޒީމާ ޢަބްދުﷲ އާއި ދިވެހިރާއްޖޭގައި ބަހުގެ ދިރާސާތައް ކުރެއްވުމުގެ އެންމެ އުހުގައި ހުންނެވި އެއްބޭފުޅެއްކަމުގައިވާ އެވިޑް ކޮލެޖްގެ ލެކްޗަރަރ އިޔާޒް ނަސީމް ފަދަ ބޭފުޅުން ހިމެނެއެވެ.
އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ބޭއްވި ހަފްލާގައި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ. އެވިޑް ކޮލެޖުން ހިންގި މި ކުރުކޯސް " އޮފީސްދިވެހި" ކޯހުގައި މިފަހަރު ސެޓުފިކެޓް ހާސިލްކުރީ 17 ބޭފުޅުންނެވެ.
އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީތައުލީމު ފޯރކޮށްދެމުންގެންދާ އަމިއްލަ އެންމެ ބޮޑު އެއްކޮލެޖެވެ. މިހާރުވެސް އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިމަ ދަރިވަރުން އެވިޑް ކޮލެޖްގައި ކިޔަވަމުންގެންދެއެވެ.