މޭޔަރުގެ އިތުރުން ފައްޔާޒަށް މަރުހަބާ ދެންނެވުމަށް ކައުންސިލް މެމްބަރު މުހައްމަދު ދާއޫދާއި އަހުމަދު އަބުދުﷲ އަދި އައިމިނަތު މަޖީދާވެސް ވަޑައިގެންނެވި.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ކެމްޕެއިން ދަތުރުފުޅުގައި މިއަދު ހެނދުނު ފައްޔާޒު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފްވެސް ފައްޔާޒަށް ތާއިދުކުރައްވާކަން ވަނީ ހާމަކުރައްވާފަ އެވެ.
ފައްޔާޒު ޓީމަށް މަރުހަބާ ކިޔުމަށް ގިނަ ބަޔަކު އެއާޕޯޓަށް ޖަމާވިއިރު ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއިދުކުރައްވާ، ކުޅުދުއްފުށީ ޕަބުލިކް ވޯކްސް ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ މުހައްމަދުވެސް ފައްޔާޒަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވި އެވެ. މީގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ދާއުދާއި ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު، ކައުންސިލް މެމްބަރުން އަހުމަދު އަބުދުﷲގެ އިތުރުން ކައުންސިލް މެމްބަރު އައިމިނަތު މަޖީދާވެސް ފައްޔާޒަށް މަރުހަބާ ދެންނެވި އެވެ.
ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒުއަށް ތާއީދުކުރާ ގިނަ މީހުންނަކީ އެމްޑީޕީގެ ދެ ފެކްޝަނުގެ ތެރެއިން ރައީސް ސޯލިހްގެ ފެކްޝަނުގެ މީހުންނެވެ. ދެން ވާދަކުރައްވާ، އިމްތިޔާޒް ފަހުމީގެ ފަހަތުގައި ތިއްބެވީ ރައީސް ނަޝީދުގެ ފެކްޝަނުގެ މީހުންނެވެ.
މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވާ ވަރަށް މަދު މެންބަރެއް ފިޔަވާ އެހެން މެންބަރުން ތާއީދު ކުރައްވައި ކެމްޕޭން ކުރައްވަމުން ގެންދަވަނީ ފައްޔާޒު އިސްމާއިލަށެވެ. އަދި ހަމައެހެންމެ ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ފަރާތްތަކުންވެސް ފެންނަނީ ފައްޔާޒުގެ ކެމްޕޭނުންނެވެ.
އެގޮތުން މިއަދުވެސް ފައްޔާޒުގެ ޓީމަށް މަރުހަބާ ދެންނެވުމަށް ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކުންފުނިތަކާއި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ނުކުމެތިއްބެވެ.