ލާމަރުކަޒީ ނިޒާމަށް ވުރެ ކަތީބު ނިޒާމު ރަނގަޅުކަމަށް ދައްކަން ދަނީ މަސައްކަތްކުރަމުން ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މޭޔަރު އާތިފް މިފަދައިން ވިދާޅުވީ އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔޫޑީސީގެ މެންބަރުނާއެކު މިއަދު ކުޅުދުއްފުށީގައި ފެށި އެމްޑީޕީގެ ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
މަޖިލީހުގައި އޮތް ޕީއެންސީ ސުޕަމެޖޯރިޓީއާއެކު ކައުންސިލްތަކަކީ ބޭކާރު ތަންތަނުގެ ގޮތުގައި ސިފަކުރަން މެންބަރުން މަސައްކަތްކޮށްފިކަމަށާއި ލާމަރުކަޒީ ނިޒާމަށް ވުރެ ކަތީބު ނިޒާމު ރަނގަޅުކަމަށް ދައްކަން ދަނީ މަސައްކަތް ކުރަމުންކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ ލާމަރުކަޒުކޮށް ރާއްޖެ ހިނގާފައޮތްކަންވެސް ތާރީހުން ފެންނަށް އެބަހުރިކަމަށެވެ.
"ކުރީގައި އަޅުގަނޑުމެންގެ އަތޮޅުތަކުގެ ރައްޔިތުން ބޭނުން ގޮތަށް އަތޮޅުތަކުގެ ރައްޔިތުންގެ ބޭނުންތަށް ފުއްދަމުން ދިޔަައީ ނަމަވެސް މީގެ ބައިގަރުނެއްހާ ދުވަސްކުރިން މަރުކަޒީ ނިޒާމަކަށް ރާއްޖެ ވަށްބޮޑަށް ފުރޮޅިގެންގޮސް އެމްޑީޕީން ކުރި މަސައްކަތުން 2010 ވަނަ އަހަރު ރާއްޖެއަށް ލާމަރުކަޒީ ނިޒާމެއް ތައާރަފް ކުރެވުނީ." މޭޔަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް އަނެއްކާވެސް އެމްޑީޕީ އަތުން ވެރިކަން ބީވުމާއެކީގައި ފެނިގެން ދިޔައީ ބިރުވެރި މަންޒަރެއް ކަމަށާއި ހާއްސަކޮށް ރަށްރަށުގެ ކައުންސިލަރުން އެއްވެސް ސަބަބެއްނެތި ސަސްޕެންޑްކުރެވިގެންދިޔަތަން ފެނުން ކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުން އިންތިހާބުކޮށްފައި ތިބި ކައުންސިލަރުން ތިއްބާ ދައުލަތުގެ އެސްއޯއީ ތަކުން ރަށްރަށު ގޯތި ކަނޑާފައި ދިންތަން ވެސް ފެނިގެންދިޔަ ކަމަށް އާާތިފް ވިދާޅުވި އެވެ.
"އަދި ކައުންސިލްތަކަކީ ހަމައެކަނި ވިހާ މަރުވާ ނޯޓްކުރަން އޮންނަ އިދާރާތަކެއް ކަމުގައި ހަދާލިތަން 2013 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި ފެނިގެންދިޔަ. ނަމަވެސް އަނެއްކާވެސް އެމްޑީޕީގެ ވެރިކަމެއް އުފެދިގެން ގޮސް 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީއާއެކީ ލާމަރުކަޒީ ގާނޫނަށް 8 ވަނަ އިސްލާހު ގެނެވި. ކައުންސިލްތަށް އޭގެ ޒާތުގައި އަމިއްލައަށް ފަންގްޝަންކުރާ މިންވަރަށް ގާނޫން ހުޅުވާލެވުން." އޭނާ ވިދާޅުވި އެވެ.
އެގާނޫނަށް ގެނެވުނު އިސްލާހުގެ 2021 ވަނައަރު ތެރެއިން އުފެދިގެންއައިސް 3 އަހަރާއި ބައިވާން ދާއިރު ގިނަ މަސައްކަތްތަކެއް ރަށްރަށުގެ ކައުންސިލްތަކުން އަމިއްލައަށް ކުރާތަން ފެންނަކަމަށާއި ކައުންސިލުތަކުން މާލީގޮތުން ބާރުވެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށެވެ.
ނަމަވެސް މަޖިލީހުގައި ޕީއެންސީއާއި އެކީއޮތް ސުޕަރ މެޖޯރިޓީއާއި އެކީގައި ކައުންސިލްތަކުގެ އަގު ވައްޓާލާ ނުވަތަ ކައުންސިލްތަކަކީ އެއްވެސް ބޭނުމެއްނެތް، ބޭކާރު ތަންތަންކަމުގައި އެ މެމްބަރުން ރައްޔިތުންނަށް ވިސްނައިދޭން ނުވަތަ ސިފަކޮށްދޭން މަސައްކަތްކުރި މަންޒަރު ފެނިގެން ގޮސްފިކަމަށެވެ.
"އަދި ލާމަރުކަޒީ ނިޒާމަށްވުރެށް ކަތީބު ނިޒާމު މާ ރަނގަޅުވާނެކަމަށް ދައްކަން މަސައްކަތްކުރާތަން އަޅުގަނޑުމެންނަށް ފެނިގެން ހިނގަޖެ ނަމަވެސް އެ ބޭފުޅުން ކުރި ދިރާސާގައި އަޅުގަނޑުމެން ރައްޔިތުން ބުނެދިނީ އެހެން ވާހަކައެެއް، އެ ދިރާސާއިން ދެއްކިގޮތުގައި ރައްޔިތުން ލާމަރުކަޒީ ނިޒާމަށް އިތުބާރުކުރޭ، އަދި މި ދިރާސާއިން ރައްޔިތުން ފާހަގަކޮށްފައޮތީ އިސްލާހުކުރަން ޖެހޭ ކަމެއްގެ ގޮތުގައި އޮތީ މަރުކަޒީކޮށް މިހާރުވެސް ދެމުން އަންނަ ހިދުމަތްތަށް އެއީ ސިއްހީ ހިދުމަތާއި ތައުލީމީ ހިދުމަތާއި ކަމަށް" އާތިފް ވިދާޅުވި އެވެ.
މި ކަންކަމުން އެނގެނީ ރައްޔިތުންނާ ގާތަށް ހިދުމަތަށް ދިނުމަށް ވެރިކަމުގެ ބާރުތަކެއް ފުރޮޅެން ޖެހޭކަމާއި ރައްޔިތުންގެ ބަސް ވެރިކަމުގައި އިތުރުވާންޖެހޭކަން ކަމުގައި އޭނާ ފާހަގަކުރި އެވެ.
"ހަގީގަތުގައި ލާމަރުކަޒީ ނިޒާމުން މި ލިބެނީ ރަށްރަށުގެ ރައްޔިތުންގެ ބަސް ވެރިނާ ހިސާބަށް ގެންދިއުމުގެ ފުރުސަތު މި ފުރުސަތު މިއަދު ރައްޔިތުން ގެއްލޭކަށް ބޭނުމެއް ނުވޭ. މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާފައިވާ ބިނާވެށި ގާނޫނުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތަށް ގެއްލޭނެކަމަށާއި ކައުންސިލުތަކުގެ އިހުތިސޯސް މާލޭގެ އިދާރާއަކަށް އޭގެން އެބަނެގޭ" އާތިފް ވިދާޅުވި އެވެ.