twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކަރަންޓު ބިލުގެ ޖޫރިމަނާ މާފު ކުރެވޭނެ އުސޫލެއް ހަދަނީ

May 5, 2022
1

ކަރަންޓް ބިލު ނުދައްކައިގެން އަރާ ޖޫރިމަނާ މާފު ކުރެވޭނެ އުސޫލެއް ހަދައި، އެ އުސޫލަށް ކުރިއަށް އޮތް ތިން މަސް ތެރޭގައި އަމަލު ކުރަން ފެށޭވަރު ވާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯގެ ހިދުމަތްތަކާ ބެހޭ ގޮތުން ސަންގުޓީވީގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވީ ކަރަންޓު ބިލުގެ ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލެއް މިހާތަނަށް ނެތް ކަމަށާ، އެހެންކަމުން މިފަދަ އުސޫލެއްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ބައެއް ފަހަރު އެބަހުރި އަމިއްލަ ބާރުނެތި ވެސް ޖޫރިމަނާ އަރާފައި. ޖޫރިމަނާ އަރަމުން ގޮސް ޖޫރިމަނާ ބޮޑުވެގެން ގޮސްފައި އެބަހުރި. މިހެން ގޮސް އަސްލު ބިލަށް ވުރެ ޖޫރިމަނާ އެތަށް ތަނެއް ބޮޑުވެފައި އެބަހުރި. މިސާލަކަށް ބިލް ދައްކަން ޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތް ކަމެއް ދިމާވެގެން، ނޫނީ އޭނާއަށް ނޭނގޭ ކަމެއް ދިމާވެގެން ބިލްގެ ޖޫރިމަނާ އަރާނަމަ އެ ޖޫރިމަނާ މައާފު ކުރެވޭނެ އުސޫލެއް މިހަދަނީ،" ކުރިން އިލެންޝަން ކޮމިޝަންގެ ރައީސްކަން ކުރެއްވި ޝަރީފު ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ އެފަދަ ފަރާތްތަކަށް ލުއި ގޮތެއް ހޯދައިދިނުމަށް ސްޓެލްކޯގެ ސްޓްރެޓެޖީ ގްރޫޕާ އަދި ކަސްޓަމާ ސާވިސްގެ ފަރާތުން ބޯޑަށް ހުށަހެޅުމަށް ޓަކައި އެ އުސޫލު އެކުލަވައިލަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ސްޓެލްކޯގެ ހިދުމަތަަށް އެދޭ ފޯމުތައް ޒަމާނީކޮށް އެއްފަހަރު ހިދުމަތަށް އެދޭ ފަރާތަކުން ދެވަނަ ފަހަރަށް ހިދުމަތަށް އެދޭނަމަ ދެވަނަ ފަހަރަށް ފޯމު ފުރުން ފަދަ ތަކުލީފުތައް ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯގައި މިހާރު އެންމެ ބޮޑަށް އަމާޒުކޮށްފައި އޮންނާނީ އާއްމު ރައްޔިތުންނަށް ދޭ ހިދުމަތް އެންމެ ހިތްއެދޭ ގޮތަށް ދެވޭނެ ހިދުމަތަކަށް ބަދަލު ކުރުމުގެ މަސައްކަތްކަމަށް ޝަރީފު ވިދާޅުވި އެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ ކޮންމެ އަހަރެއްގެވެސް އެންމެ ބޮޑު ޝަކުވާ ކަމަށްވާ ކަރަންޓު ބިލް ބޮޑުވުމުގެ މައްސަލަ އަށް ހައްލު ހޯދަން ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ކަރަންޓު ބިލް 60 ޕަސެންޓް ބޮޑުވަނީ ބޭނުންކުރާ އަދަދު އިތުރުވާތީ. ބައެއް ފަހަރު ކަރަންޓު ބިލް ބޮޑުވޭ ކަރަންޓު ވައިރު ކޮށްފަ ހުންނަ ގޮތުން. ބައެއް ފަހަރު ޝަކުވާ އައިސްގެން ސާވޭކޮށްލަން ބަލާލާއިރު އިސްކުރުތައް ލޫސްކޮށް ހުރުމާއި ފާރުގެ ތެރެއަށް ނަރު ދޫވެފައި ހުރުން ވެސް ހިމެނޭ. ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވާނަމަ ސެޓިފައިޑް ފަރާތަކުން ސާވޭކޮށްލުން އެންމެ ރަނގަޅު ވާނީ،" ޝަރީފު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355