twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހޮހޮޅައިގެ އަހުލުވެރިންގެ ވާހަކަ – ކަހަފް ސޫރަތުން

May 7, 2022

ކޮންމެ ހުކުރު ދުވަހެއްގައި ކަހަފް ސޫރަތް ކިޔެވުމަކީ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމުގެ ސުންނަތުން އަޅުގަނޑުމެންނަށް އެނގޭ ސުންނަތް އަޅުކަމެކެވެ. މި ސުންނަތުގައި ހިފައި ހުކުރު ދުވަހު ކަހަފް ސޫރަތް ކިޔެވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ އާދައެކެވެ. އަދި އަޅުގަނޑުމެންގެ ދަރިންނަށްވެސް ކޮންމެ ހުކުރު ދުވަހެއް އައުމުން ސޫރަތުލް ކަހަފް ކިޔެވުމަށް ހަނދާންކޮށްދީ އެކަމަށް އިރުޝާދު ދެމެވެ.

އެހެން ނަމަވެސް، ކަހަފް ސޫރަތުގެ މާތްކަމާއި، އެ ސޫރަތުގައި ބަޔާންކޮށްފައިވާ މަތިވެރި ފިލާވަޅުތައް އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދު މީހަކަށެވެ. މިލިޔުމުގައި ގެނެސް މިދެނީ ކަހަފް ސޫރަތުގައި އައިސްފައިވާ 4 ވާހަކައިގެ ތެރެއިން 1 ވާހަކައެވެ. އެއީ ހޮހޮޅައިގެ އަހުލުވެރިންގެ ވާހަކައެވެ.

އެއީ މާތްﷲ އަށް އީމާންވެގެން ތިބި ޒުވާނުންތަކެކެވެ. ނަމަވެސް އެބައިމީހުންގެ ރަށުގެ މީހުންނަކީ ކާފަރުންނެވެ. އަދި މާތްﷲ އަށް އީމާންވާ މީހުންނަށް އެ ރަށުގެ މީހުންގެ ފަރާތުން ތަފާތު ނުރައްކަލާ ކުރިމަތިވެއެވެ. އެ ރަށުގެ ރަސްކަލަކީވެސް އަނިޔާވެރި ރަސްކަލެކެވެ. އެ ރަސްގެފާނުގެ ގަބޫލްކުރާ ގޮތް ނޫން އެހެން ގޮތެއް ގަބޫލްކުރާ މީހުންނަށް، މި ރަސްގެފާނުގެ އަނިޔާވެރިކަން ނުހަނު ބޮޑެވެ.

މިޒުވާނުން އެމީހުން އީމާންވެގެން ތިބި ރަނގަޅު ގޮތް ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ. އެހެނީ އިސްލާން ދީނުގެ ހިދާޔަތުން އެޒުވާނުންގެ ހިތްތައްވަނީ އަލިވެފައެވެ. ނަމަވެސް އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތަށް އަޅުކަންކޮށް ދިރިއުޅުމަށް އެބައިމީހުންނަށް އިންތިހާއަށް ދަތިވިއެވެ. އެހެންކަމުން މިޒުވާނުން މަޝްވަރާކޮށް ނިންމީ މިނިވަންކަމާ އެކު މާތްﷲ އަށް އަޅުކަން ކޮށް އުޅެވޭނެ ގޮތެއް ހޯދުމަށް، އެމީހުންގެ ރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަ ކުރުމަށެވެ.

އެގޮތުގެ މަތިން އެމީހުން އެރަށް ދޫކޮށް ނުކުތެވެ. މާތްﷲ އެބައިމީހުންނަށް ފަރުބަދަ މަތިން ހޮހޮޅައެއް ދައްކުވައި އިރުގެ ހޫނުން ސަލާމަތް ކުރެއްވިއެވެ. އެޒުވާނުން ހޮހޮޅައަށް ވަނުމަށްފަހު، އެބައިމީހުންގެ ކަންތައްތަކަށް ސީދާ ރަނގަޅު ގޮތެއް މެދުވެރިކޮށް ދެއްވުން އެދި ދުޢާ ދެންނެވިއެވެ. ދެން ފަހެ ހޮހޮޅައިގައި އެބައިމީހުން ގަދަ ނިންޖެއްގައި ބައިތިއްބެވިއެވެ. އެ ޒުވާނުންނާއެކުގައި، އެ ޒުވާނުން ގެންގުޅުނު ކުއްތާ ވެސް ވިއެވެ. މާތްﷲ އެބައިމީހުން ނިދީގައި 300 އަށްވުރެ ގިނަ އަހަރު ހޮހޮޅައިގައި ބައިތިއްބެވިއެވެ.

އެއަށްފަހު އެބައިމީހުންނަށް ހޭލެވުނެވެ. ނިދާފައި ތިބެވުނީ ކިހާ ދުވަހެއް ކަމެއް އެމީހުންނަކަށް ނޭނގެއެވެ. އެޒުވާނުން އެކަކު އަނެކަކަށް ބުންޏެވެ. އެމީހުން ނިދީގައި ތިބީ އެއްދުވަހުއެވެ. ނޫނީ ދުވަހަކުން ބައެކެވެ.

އެޒުވާނުން ނިދިން ހޭލައިގެން ކާނެ އެއްޗެއް ހޯދުމަށް ރަށަށް ދިޔައިރު ރަށުގެ ކަންތައްތައްވަނީ މުޅިން ބަދަލުވެފައެވެ. އަނިޔާވެރި ރަސްކަން ނިމި އިސްލާމް ދީނުގެ ހިދާޔަތް ލިބިފައިވާ ރަށެއްވާތަން އެބައިމީހުންނަށް މާތްﷲ ދެއްކެވިއެވެ.

މިވާހަކައިން އަޅުގަނޑުމެންނަށް ލިބޭ ޢިބުރަތްތަކުގެ ތެރޭގައި އީމާންކަމުގެ ސަބަބުން ކުރިމަތިވާ ފިތުނައިން ސަލާމަތްވުމަށް ހިތްވަރު ކުރުން ހިމެނެއެވެ. ހެޔޮ ރަނގަޅު ގޮތުގައި ދެމި ތިބުމަށް ޒިކުރު ކުރުމުގައި ދެމިހުރުމުގެ މުހިންމުކަމެވެ. އަދިވެސް ހަޔާތުގައި ރަނގަޅު އެކުވެރިން ޚިޔާރުކުރުމުގެ ފައިދާ ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355