ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިތުރު ހިތްފަސޭހަ މައިޒާނެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ. މަގާންމަގުގެ އިރުމަތި ސަރަހައްދުގައި ތަރައްގީކުރާ މި މައިޒާން ހެދުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފަ އެވެ.
ބެންޒީ ޓްރޭޑިންގއާ ހަވާލުކޮށްގެން ތަރައްގީކުރާ މި މައިޒާނުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ތިން ސެގްމެންޓެއް ހިމެނޭ ގޮތަކަށެވެ. އެއީ އެގޮތުން ކުޑަކުދިންގެ ޕާކް އޭރިއާ، އިވެންޓް ސްޓޭޖް އޭރިއާ އަދި ހަޓް / ބެންޗް ހިމެނޭ ގެދަރިން ސީޓިން އެރިއާއަކާއެކު އެވެ.
މީގެ އިތުރުން ޕާކްގެ ފާހާނާ، ގުދަން، ލައިޓިން، ނަންބޯޑް އަދި ބައުންޑަރީ ފެންސާއި ބޭރު ޕޭވްމަންޓްގެ މަސައްކަތް ހިމެނޭވެސް ހިމެނޭކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. މި މައިޒާން ތަރައްގީކުރަން 2.6 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ސިޓީ ކައުންސިލުން ވަނީ މީގެ ކުރިންވެސް މައިޒާނެއް ތަރައްގީކޮށް 'ރަށްމަތިފަންނު'ގެ ނަމުގައި ހުޅުވައިފަ އެވެ. އާއިލާތަކަށް ހާއްސަކޮށް އަދި ކުދިން ކުޅެލާނެ ސަރަހައްދު ހިމަނާ ތަރައްގީކުރި 'ރަށްމަތިފަނަށް'ކީވެސް ގިނަ ބަޔަކަށް ކޮންމެ ދުވަހަކުވެސް ބޭނުންކުރަމުންދާ ހިތްފަސޭހަ ސަރަހައްދެއްކެވެ.